ޒަޔަނިސްޓް ސިފައިން މަސްޖިދުލްއަޤްޞާގެ ޚަތީބު ހައްޔަރުކޮށްފި

މަސްޖިދުލްއަޤްޞާގެ ޚަޠީބު ހުކުރު ނަމާދަށް ފަހު ހައްޔަރުކޮށްފިއެވެ. ސަމާޙަތުއްޝައިޚު ޢިކްރިމާ ޞަބްރީ ވަނީ، މަސްޖިދުލްއަޤްޞާގައި ހުކުރު ޚުޠުބާގައި، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި ޝަހީދު އިސްމާޢީލު ހަނިއްޔާއަށް ދުޢާކުރެއްވުމުން ނެވެ. އަދި ޝެއިޚު، ޝަހީދު ހަނިއްޔާ ސިފަ ކުރެއްވީ ޝަހީދެއްގެ ގޮތުގައެވެ. ހުކުރު ނަމާދަށްފަހު، ޝަހީދު ހަނިއްޔާގެ މައްޗަށް އިމާމްވެ، ކަށު ނަމާދު ކުރެއްވީވެސް ޝެއިޚު ޢިކްރިމާ ޞޮބްރީ އެވެ.

ހުކުރު ޚުޠުބާގައި، ޝެއިޚު ހަނިއްޔާގެ ވާހަކަ ވިދާޅުވުމާއެކު ޒަޔަނިސްޓުންގެ ފުލުހުންގެ ވަޒީރު އިރާޤްގެ ކުރުދީ ދަރިކޮޅުގެ އިޓާރާމް ބިން ޣަފީރް ވަނީ އެކްސްގައި ޝެއިޚަށް ފާޑު ކިޔާފައެވެ. ބިން ޣަފީރު ބުނެފައި ވަނީ ޝެއިޚު، ޒަޔަނިސްޓް ދައުލަތާ ދެކޮޅަށް ބަޣާވާތް ކުރައްވަނީ ކަމަށެވެ.

ހުކުރު ނަމާދަށްފަހު، ޝެއިޚު ދިރިއުޅުއްވާ ޙައްޔުއް ޞަވާނާ އަވަށުގައި ހުންނަ އޭނާގެ ގެ ވަށާލީ ޒަޔަނިސްޓް ސިފައިންނެވެ. އެއަށްފަހު ނަގާފައިވާ ވީޑިއޯތަކުން ފެންނަނީ ޝެއިޚު އަސާ ޖައްސަވާފަ، ޒަޔަނިސްޓުންގެ އުޅަނދަކާ ދިމާއަށް ވަޑައިގަތް މަންޒަރެވެ.

ޝެއިޚުގެ ވަކީލު، ޚާލިދު ޒަބާރިޤާ ވިދާޅުވީ، ޝެއިޚުގެ ވާހަކަފުޅަކީ އިޒްރޭލުގެ ޤާނޫނާ ފުށުއަރާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޒަޔަނިސްޓުން ޝެއިޚު ގެންގޮސްފައި ވަނީ ޤުދުސްގެ ރަށްވެހި ފަލަސްތީނު މީހުން ތަޙުޤީޤަށް ގެންދާ ރޫމް4 އަށެވެ.

އިޒްރޭލަށް ފޮނުވާ ރޮކެޓްތައް ހިފާނެކަމަށް ބޮޑުބަސް ވިދާޅުވާ އިނގިރޭސި ދަރިކޮޅަށް ނިސްބަތްވާ، އުރުދުންގެ ޢަބްދުﷲ ރަސްގެފާނާއި އޭނާގެ ގަނޑުވަރުންވެސް އަދި ޢަރަބި އެއްވެސް ލީޑަރެއްވެސް ޝެއިޚުގެ ދިފާޢުގައި އެއްވެސް ބައެއް ވިދާޅުވެފައެއް ނުވެއެވެ.

އިޒްރޭލުގެ ޒަޔަނިސްޓް ސަރުކާރުގެ ހޯމް މިނިސްޓަރު ވަނީ ޝެއިޚު އިކްރިމާ ޞޮބްރީގެ ރަށްވެހިކަން ކެންސަލް ކުރުމަށް ޒަޔަނިސްޓް ސަރުކާރަށް ގޮވާލާފައެވެ. ޒަޔަނިސްޓުން ދެކޭ ގޮތުގައި ޤުދުސްގެ ފަލަސްތީނު މީހުންނަކީ އެތާގައި ވަގުތީގޮތުން ދިރިއުޅޭ ބަޔެކެވެ.

ހިއްސާ ކުރައްވާ!