އަފްޣާނިސްތާންގެ ތަޢުލީމުގެ ޙާލަތު ވަރަށް ދަށްވެއްޖެ

ތާލިބާނުން ވެރިކަމަށް އައި ފަހުން 1.4 މިލިއަން އަންހެން ކުދިން ތަޢުލީމުގެ ފުރުޞަތުން މަޙުރޫމުކޮށްފައިވާ ކަމަށް ޔުނެސްކޯއިން ބުނެފިއެވެ. ޔުނެސްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަސާސީ ތަޢުލީމު ލިބުމުގެ ފުރުޞަތު އަފްޣާނިސްތާންގައި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ސްކޫލަށް ކިޔަވަން ދާ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ޢަދަދުން ގާތްގަނޑަކަށް 1.1 މިލިއަން މަދުވެފައިވާ ކަމަށެވެ. ތާލިބާނުން ކާބުލްއަށް ވަދެ ވެރިކަން ހިފާފައި ވަނީ، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.

ޔުނެސްކޯއިން ބުނެފައި ވަނީ މި ޙާލަތު މެދުވެރިވުމުން ކުޑަކުދިން ވަޒީފާއަށް އަވަހަށް ނިކުންނަން ފަށާނެ ކަމަށާއި އަދި ހަގު އުމުރެއްގައި ކައިވެނި ކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖީލެއްގެ މުސްތަޤްބަލު ޚަރާބުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަންހެން ކުދިން ތަޢުލީމުން މަޙުރޫމު ކޮށްފައިވާ އިރު މިއީ އަފްޣާނިސްތާންގެ ސްކޫލަށްދާ ޢުމުރުގެ އަންހެން ކުދިންގެ %80 އެވެ. އަފްޣާނިސްތާނަކީ ސެކަންޑަރީ ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި އަންހެން ކުދިން އުނގެނުމުގައި ބައިވެރި ނުކުރާ ހަމައެކަނި ޤައުމެވެ. ތާލިބާނުން ވެރިކަމަށް އައި ފަހުން ޔުނިވާސިޓީއަށް ވަންނަ ކުދިންގެ ޢަދަދުވެސް ވަނީ 53 ޕަސެންޓަށް ދަށްވެފައެވެ.

ހިއްސާ ކުރައްވާ!