އީރާނަކީ ސެޓެލައިޓް ފޮނުވުމުގެ ޤާބިލުކަން ލިބިފައިވާ 10 ޤައުމުން އެއް ޤައުމު

އެމެރިކާއާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅާއެކުވެސް އީރާނުން ކާމިޔާބު ކަމާއެކު ރޮކެޓެއްގައި ސެޓެލައިޓެއް ބޭރު ދުނިޔެއަށް ފޮނުވައިފިއެވެ. އީރާނުގެ ސެޓެލައިޓް ޖައްވަށް ގެންދިޔައީ، އީރާނުގެ އެއާސްޕޭސް ފޯސް އޮފް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ) އިން އުފައްދާފައިވާ ތިން މަރުހަލާއިން ދަތުރުކުރާ ސޮލިޑް ފިއުލް ރޮކެޓެއް ޣާއިމް-100 ސްޕޭސް ލޯންޗް ވެހިކަލް (އެސްއެލްވީ) އިން ނެވެ.

ލޯންޗުކުރިތާ ގަޑިއެއްހާއިރު ފަހުން ޝަރްމަން-1 އިން ފުރަތަމަ ސިގްނަލްތައް ފޮނުވައި، މި މިޝަންގެ ކާމިޔާބީ ފާހަގަކޮށްލިއެވެ. ގާތްގަނޑަކަށް 60 ކިލޯގެ މި ސެޓެލައިޓް ޑިޒައިންކޮށް އުފައްދާފައިވަނީ އީރާންގެ ޑިފެންސް މިނިސްޓްރީގެ ސަބްސިޑަރީއެއް ކަމަށްވާ އީރާން އިލެކްޓްރޯނިކްސް އިންޑަސްޓްރީސް (އެސްއޭއީރާން) ގެ އީރާނުގެ އިންޖިނިއަރުންނާއި އެއާސްޕޭސް ރިސާޗް އިންސްޓިޓިއުޓާއި އަމިއްލަ ބައެއް ފަރާތްތަކާ ގުޅިގެންނެވެ.

ޝަރްމަން-1 ގެ މަގްސަދަކީ އޯބިޓަލް މެނިއުވަރިން ޓެކްނޮލޮޖީއަށް ހާޑްވެއާ އާއި ސޮފްޓްވެއާ ސިސްޓަމްތައް ޓެސްޓް ކުރުމެވެ. މީގެ އިތުރުން ކޯލްޑް ގޭސް ޕްރޮޕަލްޝަން ސަބްސިސްޓަމްތަކުގެ ދައުރު ދަނެގަނެ، ޖައްވުގައި ދަތުރުކުރުމުގެ އިތުރުން ކޮންޓްރޯލް ސިސްޓަމްތައް ވެސް ވަޒަން ކުރާނެއެވެ.

އީރާނުގެ މި ކާމިޔާބިއަކީ، ހުޅަނގުގެ ޤައުމުތަކުން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފަހަނައަޅައި ދިނުމުގައި އީރާނުން ހޯދާފައިވާ ކުޅަދާނަ ކަމެވެ.

ފާއިތުވި އަހަރުތަކުގައި އީރާނުން ވަނީ ސިވިލް ސްޕޭސް ޕްރޮގްރާމްގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

މިހާރު އީރާނަކީ، ދުނިޔޭގެ ފެންވަރުގައި ސެޓެލައިޓް ތަރައްގީކޮށް ފޮނުވާލުމުގެ ގާބިލްކަން ހުރި ގަދަ 10 ގައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

މިއަހަރުގެ ކުރީކޮޅު އީރާނުން ވަނީ އަމިއްލައަށް އުފައްދާފައިވާ ސިމޯރގް (ފީނިކްސް) އެސްއެލްވީ ބޭނުންކޮށްގެން މަހްދާ ރިސާޗް ސެޓެލައިޓެއްވެސް ކާމިޔާބުކަމާއެކު ފޮނުވާލާފައެވެ. މިއީ 32 ކިލޯގެ ސެޓެލައިޓެކެވެ.

އައިއާރުޖީސީގެ އެއަރޮސްޕޭސް ފޯސް އިން ވެސް ވަނީ ސުރައްޔާ ސެޓެލައިޓް ލޯންޗް ކުރުމުގައި ކާމިޔާބީ ހޯދައިފައެވެ.

ހިއްސާ ކުރައްވާ!