ބަދަލުގެ ގޮތުގައި ދީފައިވާ ބަންޑާރަ އެސެޓްތައް އަނބުރައި ހޯދަނީ

އެމްޑީޕީ ސަރުކާރުން ބަދަލުގެ ގޮތުގައި ދައުލަތުގެ އެސެޓްތައް ދީފައިވާތީ، އެ އެސެޓްތައް އަނބުރައި ހޯދައި، އޭގެ ހަމަ އަގު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނާއިބް އަހްމަދު އުޝާމު ވިދާޅުވެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމު ވިދާޅުވީ ރައީސް ސޯލިޙުގެ ސަރުކާރުން އެކުލަވައިލި ސެޓްލްމެންޓު ކޮމިޓީން ބަދަލު ދީފައިވާ ގިނަ މައްސަލަތަކުގައި ދޫކޮށްފައި ވަނީ، ބަންޑާރަ އެސެޓްތައް ކަމަށެވެ. އޭގެ ތެރޭގައި ރަށްރަށާއި ފަޅުތައް ހިމެނެއެވެ. އެ ތަކެތީގެ އަގު ބިލިއަން ރުފިޔާއަށް ވުރެން އިތުރު ވާނެ ކަމަށްވެސް ވިދާޅުވެއެވެ.

އެމްޑީޕީ ސަރުކާރުން 11 ފަރާތަކަށް ބަދަލު ދީފައިވާ އިރު، އެ ބަދަލުތައް ދީފައިވަނީ، ޤަވާއިދާ ޚިލާފަށް ކަމަށްވެސް ބަންޑާރަ ނާއިބް ވިދާޅުވެއެވެ.

އޭނާ ވިދާޅުވީ އިޖުރާއާތުގެ ތެރޭން އެ އެއްބަސްވުންތައް ބާޠިލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެސެޓް ރިކަވަރީ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި އެ ބިލް މަޖިލީހަށް ފޮނުވޭނެ ކަމަށްވެސް ވިދާޅުވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް