އީރާނުން ބޭނުން ހިނދެއްގައި ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް އީރާންގެ ރެވަލޫޝަންރީ ގާޑްގެ ކޮމާންޑަރު ވިދާޅުވެއެވެ.
އޭނާ ވިދާޅުވީ ބޭނުން ޖެހިއްޖެ ހިނދެއްގައި އީރާނުން އެފިޔަވަޅު އަޅާނެއެވެ. އެކަމަކު މިހާރު އީރާނުގެ މިސައިލްތަކާއި ޑްރޯންތަކާއި މަނަވަރުތަކުގެ ކުޅަދާނަކަން ހުރި މިންވަރު އެފަދަ ފިޔަވަޅަކާ ނުލައިވެސް ދިފާއު ކުރެވޭ ވަރަށް ޤާބިލުކަން ލިބިފައި ވެއެވެ.
އީރާނުގެ ދެކުނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ބަންދަރު އައްބާސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިސްލާމިކް ރިވޮލިއުޝަންރީ ގާޑްސް ކޯޕްސްގެ ނޭވީ ކޮމާންޑަރު އަމީރުލްބަހުރު އަލީ ރިޒާ ޓަންގްސީރީ ވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް އެއްކޮށް ހއުޓާލެވޭ ވަރުގެ ބާރެއް އެމެރިކާގެ ކިބައި ގައި ނެތް ކަމަށް ވިދާޅުވެފައެވެ.
އަލީ ރިޒާ ވިދާޅުވީ މިއަދާ ހަމައަށް އެމެރިކާއިން އެޅި ފިޔަވަޅަކަށް އީރާނުން ފިޔަވަޅު އަޅާފައި ވާނެ ކަމަށެވެ. އީރާނުގެ ތެޔޮ ބާޖެއް ހިފެހެއްޓުމުން އީރާނުންވެސް އެމެރިކާގެ ތެޔޮ ބާޖެއް ހިފެހެއްޓި ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ކުރާ ކޮންމެ ކަމަކަށް އީރާނުން ފިޔަވަޅު އަޅާނެ ކަން އެމެރިކާއަށް ޔަގީނުންވެސް އެނގޭނެ ކަމަށެވެ.



