ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުތައްކަމަށްވާ އެމެރިކާ، ޗައިނާ، ޖަރުމަން، ޖަޕާން އަށް ބަލާލާއިރު، އެ ގައުމުތަކުގައި ތުއްތު ކުދިން މަދުވުމާއި، އުމުރުން ދުވަސްވާ މީހުން އިތުރުވުމާއި، ވެރިކަމުގެ ބާރު ހިފަހައްޓާނީ ކާކުތޯ ބަލައި ވިސްނާލާއިރު، މުޅި މުޖުތަމައާއި ގައުމަށް ދަނީ ބޮޑު ބަދަލެއް ކުރިމަތިވަމުންނެވެ.
މި މަހު ނެރުނު މެކިންޒީ ގްލޯބަލް އިންސްޓިޓިއުޓްގެ އާ ރިޕޯޓެއް ކަމަށްވާ ޑިޕެންޑެންސީ އެންޑް ޑިޕޮޕިއުލޭޝަންގައި ފާހަގަ ކޮށްފައިވާ ގޮތުން ދުނިޔޭގެ އުތުރު ބިތުގައި އާބާދީ މަދުވަމުން ދިއުމާ ގުޅިގެން އާބާދީއާ އެކީ ބާރުތައް ބުރަވަނީ މިހާރު ދެކުނަށެވެ. ދަރިމައިވުމުގެ ނިސްބަތް އުތުރުގައި ވަނީ ދަށްވެފައެވެ.
އިންސާނިއްޔަތުގެ ތިންބައިކުޅަ ދެބައި މިހާރު ދިރިއުޅެނީ އާބާދީތައް އެއްވަރެއްގައި ބެހެއްޓުމަށް ބޭނުންވާ 2.1 ކުދިންނަށް ވުރެ އާއިލާތައް އެވްރެޖްކޮށް މަދުކޮށެވެ.
ދުނިޔޭގެ އެންމެ ބޮޑު ހަތަރު އިގްތިސާދު ވެސް މިކަމުން އިސްތިސްނާ ނުވާއިރު، އެގައުމުތަކުގައި ރެކޯޑް އަދަދަކަށް ކުދިން އަލަށް އުފަންވުމުގެ ނިސްބަތް ދަށްވެ، އާބާދީ މުސްކުޅި ވުމާ ކުރިމަތިލާން ޖެހިފައި ވެއެވެ.
2100 ވަނަ އަހަރަށް ލަފާ ކޮށް އދން ބުނަނީ ބައެއް ގައުމުތަކުގެ އާބާދީ އުޅޭނީ މިހާރު އޮތް ވަރަށް ވުރެން ދެބައިކުޅަ އެއްބައި މަދުކޮށެވެ. ނަމަވެސް އިންޑިއާ ކުރިއަށް ޖެހިލާނެއެވެ.
މެކިންޒީގެ ރިޕޯޓުގައި ބުނަނީ، 2050 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ މުސަލާއި ޚިދުމަތުގެ %16 ބޭނުން ކުރަމުންދާނީ އިންޑިއާއިންނެވެ. ސަރަހައްދެއްގެ ގޮތަށް ބަލާއިރު އުތުރު އެމެރިކާއިން ބޭނުން ކުރާނީ ދުނިޔޭގެ މުދަލާއި ޚިދުމަތުގެ 17 އިންސައްތައެވެ.
މި ބަދަލާ ގުޅިގެން ޔޫރަޕާއި އެމެރިކާގައި އިންޒާރުގެ ރަނގަބީލު ޖަހަން ފަށާފައި ވެއެވެ.އަދި ކަނާތުފިޔައިގެ ފަރާތްތަކުން ދަނީ ދަރިވިހެއުމަށް ހިތްވަރުދީ ބާރުއެޅުމަށް ސިޔާސަތތައް ހަދައި އެކަމަށް ހިތްވަރު ދިނުމަށް ގޮވާލަމުންނެވެ.
މެކިންޒީގެ ރިޕޯޓުގައި ދައްކާ ގޮތުގައި އިންޑިއާ އާއި ސަބް ސަހަރާ އެފްރިކާ، ޚާއްސަކޮށް ނައިޖީރިއާ އިން ޒުވާން އާބާދީން އާމްދަނީ ހޯދާނެއެވެ. އެއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ވަޒީފާ އަދާ ކުރާ އުމުރުގެ މީހުންގެ ދެބައިކުޅަ އެއްބައި ވާނީ މުސްކުޅި ވެފައެވެ.
މިހުރިހައި ކަމަކާ ގުޅިގެން ދުނިޔޭގެ ދެކުނު ބިތުގެ އިގްތިސާދުތައް ތިޔާގިވެ، ޚަރަދު ކުރާ ނިސްބަތް އިތުރު ވެގެން ދާނެއެވެ. އަދި އިންޑިއާ ވާނީ ތަރައްގީގެ އިންޖީނަކަށެވެ.



