ދުނިޔޭގެ އައު ނިޒާމަކަށް ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި

ނިއުދިއްލީގައި ބޭއްވި ވަޓް އިންޑިއާ ތިންކްސް ޓުޑޭ (ވިޓް) ގްލޯބަލް ސަމިޓް 2025 ގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ދުނިޔޭގެ މިހާރުގެ ޙާލަތާ ބެހޭ ގޮތުން ތަޤްރީރު ކުރައްވާފައެވެ.  ޝާހިދު ވަނީ މިހާރުގެ ހާލަތަށް ބައިނަލްއަގްވާމީ ނިޒާމު ނުފެތޭކަމަށް ވިދާޅުވެ، އަލުން ބައިނަލްއަޤްވާމީ ނިޒާމު ބައްޓަން ކުރުމަށް ގޮވާލައްވާފަ އެވެ. ނިއުދިއްލީގެ ބާރަތު މަންޑަޕަމްގައި ދުނިޔޭގެ ލީޑަރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ބައިވެރިވެވަޑައިގަތް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ހަނގުރާމައާއި ނަސްލު ނައްތާލުމާއި ނުތަނަވަސްކަން ހައްލުކުރުމުގައި ދުނިޔޭގެ މިހާރުގެ ނިޒާމު ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އދގެ ސަލާމަތީ މަޖިލިސް ބައްޓަންވެފައިވަނީ މީގެ 80 އަހަރު ކުރީގެ ހާލަތަށް ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި އދގެ މެމްބަރުންގެ އަމިއްލައަށް އދގެ ނިޒާމާއި ހަމަތަކާއި ޚިލާފަށް އަމަލުކުރަމުންދާ ސުލޫކުން މިސާލު ޖެއްސެވިއެވެ. އެގޮތުން ދުނިޔޭގެ ސިލްމާއި ސުލްޙައަށް އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރަކު ފާޅުގައި ގޮންޖައްސަވާ ކަމަށް ވިދާޅުވިއެވެ. އަދި އެހެން ގައުމަކުން ޖެނޮސައިޑް ހިންގައި ނަސްލު ނައްތާލަމުން ދަނީ އދގެ ޤަރާރުތަކަށް ގޮންޖަހަމުން، ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ނިޒާމަކީ ހަނގުރާމަތަކާއި ޖެނޮސައިޑް ހުއްޓުވުމުގައި ނާކާމިޔާބު ވެފައިވާ ނިޒާމެއް ކަމުގައި ވިދާޅުވިއެވެ.

ޝާހިދު ވަނީ އދގެ ސަލާމަތީ މަޖިލިސް އެކުލެވިގެންވާ އޮނިގަނޑަށް ފާޑުވިދާޅުވެ، އެ އޮނިގަނޑަކީ، އެފްރިކާގެ ތަމްސީލުވުމެއް ނެތް ކުދި ޖަޒީރާ ޤައުމުތައް އެއްފަރާތްކޮށްފައިވާ މުސްކުޅި ނިޒާމެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މެމްބަރުން އެ ޖަމާއަތުގެ އުސޫލުތައް ބޮލާލައި ޖަހަމުންދާ ކަމަށް ވިދާޅުވެ، އެފަދަ އޮނިގަނޑުގެ ޝަރުޢިއްޔަތާ މެދު ސުވާލު އުފައްދަވާފަ އެވެ.

"މައުސޫމް ބަޔަކާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް އެންމެންގެ ކުރިމަތީގައި ފާޅުކޮށް ފެންނަގޮތަށް މުޅި ދުނިޔެއަށް ބްރޯޑްކާސްޓް ކުރާއިރު، އެކަމަށް ދެކޮޅު ހަދާ ބަޔަކު ތިބޭއިރު، އަދި އެ ޖަރީމާތައް ހިންގާފަރާތްތައް ބައިނަލްއަޤްވާމީ ކޯޓަށް ގޮން ޖަހަމުން އެކޯޓުގެ އިޚުތިޞާޞާމެދު ސުއާލު އުފައްދާއިރު އެފަދަ ނިޒާމަކަށް ދެމި އޮވެވޭނީ ކިހިނެއްތޯ" ޝާހިދު ސުއާލު އުފެއްދެވިއެވެ.

މިވާހަކަތަކުގެ އަލީގައި ޝާހިދު ވިދާޅުވީ މިހާރު އައު ބައިނަލްއަޤްވާމީ ނިޒާމެއް އުފަންވާންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

ޝާހިދު ވަނީ ކޯވިޑްގެ ކާރިސާގައި އިންޑިއާގެ ޕެންޑެމިކް ރެސްޕޮންސް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ލީޑަރޝިޕްގައި ޖީ20 ގެ ރިޔާސަތު ކުރިއަށް ގެންދެވި ގޮތަށް ތައުރީފު ކުރައްވައިފައެވެ. އަދި ޝާހިދު ވަނީ އިންޑިއާއިން ޤައުމުތަކަށް ވެކްސިން ފޮނުވުމަށް ކުރި މަސައްކަތާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެދިން އެހީއަށް ތަޢުރީފުކުރައްވާފައެވެ.

"އިންޑިއާ އެ ގޮންޖެހުމަށް ތެދުވީ… ދުނިޔެއަށް ޚިދުމަތް ކުރަން،" ރާއްޖެފަދަ ތަރއްގީ ވަމުން އަންނަ ގައުމުތަކަށް ދިން ކޯވިޑްގެ އެހީތައް ފާހަގަކުރައްވައި ޝާހިދު ވިދާޅުވި އެވެ. ކެރީބިއަން ސަރަހައްދުގެ ދުރު ޤައުމުތަކަށްވެސް އިންޑިއާއިން ވެދިން އެހީ އޭނާ ފާހަގަ ކުރެއްވިއެވެ.

މިހާރު ދުނިޔެއަށް ވެރިވަމުންދާ ނުތަނަވަސް ޙާލަތުގައި ބައެއް ޤައުމުތަކުން އެކަހެރިކަން އިޚުތިޔާރު ކުރާތީ އެކަމަށްވެސް ޝާހިދު ވަނީ ފާޑު ވިދާޅުވެފައެވެ. އަދި ބޭނުން ވަނީ އެންމެން ގުޅިގެން މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ނިޒާމެއް ކަމަށާއި އެފަދަ ނިޒާމެއް ބިނާ ކުރެވޭނީ އެންމެން ގުޅިފައިވާ މަލްޓިލޭޓަރަލިޒަމްގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާގެ އެންމެ ބޮޑު ޓީވީ ނެޓްވަރކް ކަމަށްވާ ޓީވީ9 ނެޓްވޯކުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ސަމިޓު އިފްތިތާޙު ކޮށްދެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއެވެ. ޝާހިދު ވަނީ އިންޑިއާގެ ބޮޑު ވަޒީރާވެސް ސަމިޓްގެ ތެރޭން ބައްދަލު ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!