އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ސްރީލަންކާއަށް ޒިޔާރަތްކުރެއްވި ޒިޔާރަތުގައި ރައީސް އަނުރާ ކުމާރަ ދިސަނާޔަކާއެކު އައު ހަކަތައިގެ އެއްބަސްވުމަކާއި އަދި ދިފާޢީ އެއްބަސްވުންތަކެއް ގައި ސއިކުރައްވައިފިއެވެ. މި މަޝްވަރާތަކުގައި ސްރީލަންކާއިން އިންޑިއާއަށް ހޮޅިލައިނެއް އެޅުމާއި ޓްރިންކޮމަލީގައި އިރުގެ އަވިން ހަކަތަ އުފައްދާ މަރުކަޒެއްގެ ޕްލޭންތައް ތަޢާރަފުކުރެއްވިއެވެ. އަދި ސްރީލަންކާއިން ކަރަންޓު އެކްސްޕޯޓްކުރުމަށް އެހީތެރިވުމަށް ގްރިޑް އެއްބަސްވުމެއް އެކުލަވާ ލުމަށްވެސް ވެއެއްބަސް ވެވުނެވެ. މީގެ އިތުރުން، ބުދު ދީނުގެ ދީނީ ތަންތަނުގައި ފުރާޅު މަތީގައި ބަހައްޓާ 5،000 ސޯލާ ރޫފްޓޮޕް ޔުނިޓް ހަރުކުރުމުގެ މަޝްރޫއުވެސް ފެށުނެވެ.
މޯދީ ވަނީ އިރުމަތީ ސްރީލަންކާގެ ތަރައްޤީއަށް 2.4 ބިލިއަން ސްރީލަންކާ ރުޕީސް (8 މިލިއަން ޑޮލަރު) ދެއްވުމަށް ވަޢުދުވެވަޑައިގަތެވެ. އަދި ދަނޑުވެރިންނަށް ފައިދާ ހުރި ޕްރޮޖެކްޓްތައް ހިންގުމާއި ރޭލްވޭ އަޕްގްރޭޑްކުރުމާއި ކަންކެސަންތުރައި ބަނދަރުގެ މަސައްކަތަށްވެސް ވައުދުވެ ވަޑައިގަތެވެ.
ދިފާޢީ ދާއިރާގައި، ދެ ޤައުމުން ވަނީ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުން އަމާޒުކުރެވިފައިވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.
ޘަޤާފީގޮތުން، އިންޑިޔާއިން ސްރީލަންކާއަށް ދީނީ ކަންކަމުގެ މަޝްރޫޢުތަކަށް ފަންޑުދޭން ވެސް ނިންމިއެވެ. މޯދީ ވަނީ މަސްވެރިންގެ މައްސަލަތަކަށް އިންސާނީ ޙައްލު ހޯދުމާއި ތަމަޅައިން އެމީހުންގެ ވަޒަންތަކަށް ރުޖޫޢަވުމަށް އެހީތެރިވުމަށް ބާރުއަޅުއްވާފައެވެ.
އޭނާ ވިދާޅުވީ ސްރީލަންކާއަކީ އިންޑިޔާގެ ސަރަޙައްދީ ޕްލޭންތަކުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަމަށެވެ. އަދި ސްރީލަންކާގެ އިގްތިސާދީ ދަތި ހާލަތުގައި ދެވިފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
މިއީ މޯދީ ވެރިކަމުގައި ހުންނަވައިގެން ސްރީލަންކާއަށް ކުރެއްވި ހަތަރުވަނަ ޒިޔާރަތެވެ. މި ޒިޔާރަތް މިކުރެއްވީ ދިސަނާޔަކަ ފާއިތުވި އަހަރު އިންޑިޔާއަށް ކުރެއްވި ޒިޔާރަތަށްފަހުގައެވެ.




