ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު 'ޖެނަރޭޝަނަލް ބޭން' ފާސްކޮށްފިއެވެ. މިއީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ކެބިނެޓުން ނިންމި ނިންމުމެކެވެ. މި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި 27 މާރިޗު 2025ގައި އިއުލާން ކުރެއްވި ކަމެކެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ 1 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ އޮންލައިންކޮށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ކަމުގައި ވިއަސް ވިއްކައިގެން ނުވާނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އިސްލާހުގައި ވާގޮތުން ދުންފަތުގެ ބާވަތެއް ގަންނަ މީހާއަކީ އުމުރުން 21 އަހަރުވެފައިވާ އަދި 1 ޖަނަވަރީ 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެކެވެ. އަދި، ދުންފަތުގެ ބާވަތެއް ގަންނަ މީހެއްގެ އުމުރު ޔަގީން ނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ނޫން ވެސް އުމުރު އަންގައިދޭ ރަސްމީ ލިޔެކިޔުމަކުން އުމުރު ކަށަވަރު ކުރަން ޖެހޭނެއެވެ.
މި އިސްލާހު ފާސްކުރި ވަގުތީ ކޮމިޓީގައި ހިމެނެނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް، ކާށިދޫ ދާއިރާގެ މެންބަރު މުހައްމަދު މުންތަޒިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މި އިސްލާހު މަޖިލީހުން ފާސްވުމާއެކު، ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވިއްކުމުގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅިގެންދާނެ އެވެ. މިއީ ދިވެހި ޒުވާނުންގެ ސިއްހަތު ރައްކާތެރިކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އަޅުއްވާ ހަރުދަނާ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.



