މިސްރުގެ ސަރުކާރުތަކުން ބޭނުންވި ގޮތަށް މަރުގެ ޙުކުމް އިއްވައިދިން ފަނޑިޔާރު މިއަދު ނިޔައުވެއްޖެއެވެ. އޭނާ ނިޔައުވީ ކެންސަރުގައި ދިގު މުއްދަތެއްގެ ހަނގުރާމައެއްގައި އުޅުމަށްފަހުއެވެ. މިހާރުގެ ސީސީ ރައީސް ވެރިކަމަށް ގެނައި ބަޣާވާތަށް ފަހު ގިނަ ބަޔަކަށް މި ފަނޑިޔާރު މަޒުގެ ސަޒާ އިއްވައި ދިނެވެ.
އުމުރުން 72 އަހަރުގައި ނިޔައުވި ފަނޑިޔާރަކީ ޤާހިރާގެ ކްރިމިނަލް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޝަޢުބާން އަލްޝާމީ އެވެ.
އޭނާ މަޝްހޫރު ވެފައި ވަނީ ކުރީގެ ރައީސް މުބާރަކުގެ ޝަރީއަތް ކޮށް މުބާރަކު މިނިވަން ކޮށްދެއްވި ގާޒީގެ ގޮތުގައެވެ.
އަދި ކުރީގެ ރައީސް މުރުސީއައި 100 މީހުންނަށް މަރުގެ ނިޔާގެ ޙުކުމް އިއްވި ގާޒީގެ ގޮތގައެވެ. އަދި ޒަމާނުގެ އެންމެ ފުންނާބު އުސް އިލްމުވެރިޔާ، ޑރ. ޔޫސުފުލްޤަރުޟާވީއަށް ޣާއިބަށް މަރުގެ ޙުކުމް އިއްވި ގާޒީގެ ގޮތުގައެވެ.
ސަރުކާރުގެ ހައްގަށް އިސްކަން ދެއްވާ ޕްރޮސެކިއުޓަރެއްގެ ގޮތުގައި އޭނާގެ ތަރި ވިދާލީ، ކުރީގެ ރައީސް އަންވަރުއްސާދާތުގެ ވެރިކަމުގައި ތަކެތީގެ އަގު ބޮޑުވެގެން މުޒާހަރާ ކުރި އެންމެނަށް ދައުވާކޮށް ހަރުކަށި ޙުކުމަށް އޭނާ އެދުމުންނެވެ. އެއަށްފަހު އޭނާއަށް މަގާމުގެ ޕްރޮމޯޝަން ލިބި ކްރިމިނަލް ކޯޓަށް އުފުއްލައި ލެވުނެވެ. އެ ކޯޓުގައި ސަރުކާރަށް ރަނގަޅު ޚިދުމަތެއް ކޮށްދެއްވުމުން ކޯޓުގެ އެންމެ މަތީ މަގާމަށް އުފުއްލެވުނެވެ.
މިސްރު މީހުން ގާތު "ޖައްލާދު ގާޒީ"ގެ ނަމުން މަޝްހޫރު އައްޝާމީއަކީ، 1975 ވަނަ އަހަރު އައިންޝަމްސް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ ނިންމެވި ބޭފުޅެކެވެ.
އޭނާގެ ކާމިޔާބީ / ނާކާމިޔާބީގެ ލިސްޓުގައި އެތައް ސަކޭތަ ރައްޔިތެއްގެ ފުރާނަ ދަންމަޅިއަށް ހިބަ ކުރެއްވުން ހިމެނިގެން އޭނާ ވަނީ ޚާއްސަ ނަން ހުތުރު މަޝްހޫރު ކަމެއް ހޯއްދަވާފައެވެ.
2011ގައި މުރުސީ ރައީސްގެ ވެރިކަން ވައްޓާލި ފަހުން އޭނާގެ ކޯޓު ރޫމަކީ ބިރުވެރި ތަނެކެވެ. އެތަނަށް ފައިލު ވަންނަ ގިނަ މީހުންނަށް ލިބެނީ އެއްކޮޅު ޓިކެޓެކެވެ. އަދި އިސްލާމިކް ބްރަދަހުޑަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވިފައިވާ މީހެއްގެ ގަޒިއްޔާއެއް ނަމަ ޙުކުމް އޮންނާނީ އެ ކޯޓު ރޫމްގައި ޔަޤީން ކުރެވިފައެވެ.
ރައީސް މުރުސީއަށް މަރުގެ ނިޔާ އިއްވާފައި ވަނިކޮށް އޭނާ އަވަހާރަވީ ފަރުވާ ނުދީ ޖަލުގައި ކުދި އަނިޔާ ކުރުމުން ޝަރީއަތުގެ މަޖިލީހުގައެވެ. ރައީސް މުރުސީއާއެކު 100 މީހެއްގެ ފުރާނަ ދަންމަޅިއަށް މިފަނޑިޔާރު ހަދިޔާ ކޮށްދިނެވެ.



