ނުރައްކާ ބޮޑުވެ ޖަޔަޝަންކަރުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުގެ ސެކިއުރިޓީ  ވަރުގަދަ ކޮށްފައިވާ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ބުނެފި އެވެ. އޭނާގެ ސެކިއުރިޓީ އަށް މިހާރު ވަނީ ޚާއްސަ ބުލެޓްޕްރޫފް ކާރެއް އިތުރުކޮށްފައެވެ. ދިއްލީގައި އޭނާ ދިރިއުޅުއްވާ ގޭގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ.

އޭނާއަކީ މިހާރުވެސް ޒެޑް ކެޓަގަރީގެ ސެކިއުރިޓީއެއް ދީފައިވާ ފަރާތެކެވެ. ޒެޑް ކެޓަގަރީގައި ސެކިއުރިޓީ ފޯރުކޮށްދެނީ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރުޕީއެފް)ގެ ކޮމާންޑޯތަކުންނެވެ. އޭނާގެ ރައްކާތެރި ކަމަށް 24 ގަޑިއިރު 33 ކޮމާންޑޯންގެ ޓީމެއް ހަރަކާތްތެރިވެ އެވެ.

ޒެޑް ކެޓަގަރީއަކީ އިންޑިއާގެ ތިންވަނައަށް އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ އެވެ. އެ ކެޓަގަރީގެ ސެކިއުރިޓީ ދިނުމުގައި 22 މުވައްޒަފުން ހިމެނޭނެއެވެ. އޭގެ ތެރޭގައި ނޭޝަނަލް ސެކިއުރިޓީ ގާޑް (އެންއެސްޖީ) ގެ މީހުންނާއި ފުލުހުންގެ 4 ނޫނީ 6 ކޮމާންޑޯ އާއެކު އެއް ބުލެޓްޕްރޫފް ވެހިކަލް ހިމެނޭނެ އެވެ. އަދި އެސްކޯޓް ވެހިކަލްތައް ވެސް ހިމެނޭނެ އެވެ. މި ފެންވަރުގެ ސެކިއުރިޓީ އާންމުކޮށް ދެވެނީ މަތީ ފަންތީގެ ސިޔާސީ ބޭފުޅުންނާއި މަޝްހޫރު ފަރާތްތަކަށެވެ.

ޖައިޝަންކަރުގެ ސެކިއުރިޓީ ވަނީ ވައި ކެޓަގަރީން ޒެޑް ކެޓަގަރީއަށް އަޕްގްރޭޑްކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މި އަޕްގްރޭޑަކީވެސް އިންޓެލިޖެންސް ބިއުރޯ (އައިބީ) އިން ކުރި އިންޒާރު ވަޒަންކުރުމުގެ މައްޗަށް ކުރި އަޕްގްރޭޑެކެވެ. އޭރުވެސް މިނިސްޓަރުގެ ގެކޮޅުގައި ހަތިޔާރު އެޅި ގާޑުންނާއި ޕާސަނަލް ސެކިއުރިޓީގެ ހަ އޮފިސަރުންނާއި ތިން ޝިފްޓެއްގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި 12 އެސްކޯޓް ކޮމާންޑޯ އާއި ޝިފްޓަށް މަސައްކަތްކުރާ ތިން ވޮޗަރުންނާއި ތިން ޑްރައިވަރުން 24 ގަޑިއިރު ހާޒިރުވެ ތިބެއެވެ.

ހިއްސާ ކުރައްވާ!