ކޯވިޑަކީ ކާރިސީ ވަބާއެކެވެ. އެތައް ޤައުމަކުން މިލިއަނުން އިންސާނުންގެ ފުރާނަ ގެއްލިގެން ދިޔައެވެ. އިންޑިއާއަކީ ގިނަ އަދަދެއްގެ އަސަރުގަދަ ހިތާމަވެރި މަންޒަރުތަކެއް ފެނިގެން ދިޔަ ފަސްގަނޑެކެވެ. ރޮއިޓާޒްގެ ފޮޓޮގްރާފަރު ދާނިޝް ސިއްދީޤީގެ ފޮޓޯތަކުން ދުނިޔެ ސިއްސުވާލިއެވެ. ހާދިސާތަކުގެ ބިރުވެރިކަމުން މި އާޓިކަލްގެ ފީޗާ ފޮޓޯއަކަށް ދާނިޝް ނަގާފައިވާ ފޮޓޯއެއް ލާކަށް ބޭނުމެއް ނުވިއެވެ. އަފްޣާނިސްތާންގައި ތާލިބާނުން ވަނީ މިސްކިތެއްގެ ކައިރީގައި ބަޑިޖަހަގެން ދާނިޝް މަރާލާފައެވެ.
އިންޑިއާއިން ރަސްމީކޮށް ބުނެފައި ވަނީ ކޯވިޑްގައި އެ ޤައުމުން ގެއްލިފައި ވަނީ 5 ލައްކައެއް ހައި ފުރާނަ ކަމަށެވެ.
މިހާރު އިންޑިއާއިން ވަނީ އެގައުމުގެ ނޭޝަނަލް ރަޖިސްޓްރޭޝަން (ސިވިލް ރެޖިސްޓްރީ) އިން އެ މުއްދަތުގައި ވިހާ މަރުވާ ފެންނަ އަދަދުތައް ހޯދައި ކޯވިޑްގެ އަހަރުތަކުގެ ތަފާސްހިސާބު ހާމަކޮށްފައެވެ.
އިންޑިއާއިން މި އަދަދުތައް ހާމޮށްފައި ވަނީ އޮޕަރޭޝަން ސިންދޫރުގައި ޕާކިސްތާނަށް ދިން ހަމަލަތައް ކަވަރު ކުރުމަށް މީޑިއާ އަވަދިނެތި އުޅުނު ދަނޑިވަޅާ ދިމާކޮށެވެ.
ސިވިލް ރެޖިސްޓްރީގެ އަދަދު ތަކުން އެންމެ ބިރުވެރި އަދަދުތައް ފެންނަނީ ބިހާރާއި ގުޖުރާތުންނެވެ. މުޅި އިންޑިއާއިން އިތުރަށް 3.74 މިލިއަން މީހުން ކޯވިޑްގެ ދެ އަހަރުގެ ތެރޭގައި މަރުވެފައިވާ ކަމަށް ދައްކައެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އަންދާސާތަކުން ދައްކަނީ އިންޑިއާގެ މަރުތައް މިހާރު އިއލާން ކޮށްފައިވާ އަދަދަށް ވުރެން މިލިއަނަކާއި އެތިކޮޅެއް މަތިވާނެ ކަމަށެވެ.
އިންޑިއާގައި އަހަރެއްގެ ތެރޭގައި ގުދުރަތީ މަރު އަންދާސާ ކުރާ ހިސާބުން ބަލާއިރު 6 މިލިއަން ނޫނީ 7 މިލިއަން މީހުން މަރުވާނެއެވެ. އިތުރު މަރުތައް އަންދާސާކޮށްފައި ވަނީ ކޮންމެ އަހަރު އަރުވާނެ އަދަދާއި ކޯވިޑް އަހަރުތަކުގައި މަރުވި އަދަދާ އަޅައި ކަނޑައިގެންނެވެ.






