މޭޔަރުގެ ވިސްނުން ތަރައްގީ ނުވެ ހައްލެއް ނުލިބޭނެ

ޕާކިން ޒޯނެއް ތަރައްގީކުރަން ސިޓީ ކައުންސިލުން ވަނީ މާފަންނު ސަހަރާއިން 36،153 އަކަފޫޓުގެ ސަރަހައްދެއް، ކަށްވަޅުގައި ތިބި މީހުންގެ ހައްގަށް އަރައިގަނެ، ފޭރިގެންފައެވެ. މަހާނަތައް ނަގައި މައްޔިތުންގެ ހައްގަށް އަރައިގަތް އިރު ދިރިތިބީންގެ ތެރޭން އަޑު އުފުލީ މަދު ބަޔެކެވެ.

އުޅަނދުތައް ގިނަވެ، މަގުތައް ތޮއްޖެހި ޕާކިންއަށް އޮންނަ ޖާގަ ދަނީ މަދުވަމުންނެވެ. މައްޔިތުންގެ ހައްގަށް ބެލުމެއް ނެތި، ގަބުރުތައް ކޮނެގެން ޖާގަ ހަދާއިރު މޭޔަރުގެ އައު ވިސްނުމެއް ނެތް ކަން ވެސް ފާހަގަ ވެއެވެ.

މާލޭގެ މޭޔަރު، މާފަންނު ސަހަރާ ތަރައްގީ ކުރައްވާ ކޮންސެޕްޓް އާންމު ކުރައްވައިފިއެވެ. އިހުގެ މުނިސިޕަލްޓީ ވިސްނުމެކޭ މިހާރުގެ ވިސްނުމެކޭ މާބޮޑު ތަފާތެއް ނެތެވެ.

މޭޔަރުގެ ވިސްނުން އަދިވެސް މިހިރީ އޮލަނބަށް ދާގޮތަކަށް ނޫނެވެ. ބުރިބުރިއަށް ޕާކިން ހެދުމުގެ ވިސްނުމެއް ނެތް ކަން ހާމަވެއެވެ.

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ގަބުރުތައް މަތީގައި ޕާކިން ހެދުމުގެ އަގަކީ، 2.3 މިލިއަން ރުފިޔާ އެވެ. މިވެރިން މިހާރު ވަނީ ދިރިތިބީން ހިތް އުފާ ކުރަން ސަހަރާގެ ނަންވެސް ފޮހެލަން ނިންމައި، އެތަނުގެ ނަން "މާފަންނު މައިޒާން" ގެ ނަމަށް ބަދަލު ކުރުމަށް ފާސްކޮށްފައެވެ.

ޖިންނީންނާ ހަނގުރާމަ ކުރުމަށް ނިންމައި، ސިޓީ ކައުންސިލުން ވަނީ ރޭނގަޑު ގަޑީގައި ޖިންނީނަށް އެމައިޒާނުން ޖާދަ ނުދިނުމަށް ޓަކައި މުޅި ރޭނގަޑު އެތަން ދިއްލާފައި ބޭއްވުމަށް ނިންމާފައެވެ.

ދިރިތިބީންގެ 295 ސައިކަލަށްވެސް ޖާގަ ދޭނެއެވެ. އޭގެ އިތުރުން 3 ބާސްކެޓު ކޯޓުވެސް ހިމެނޭނެއެވެ. އަދި މައްޔިތުންގެ މަތިން ހަނދާން ނެތޭ ގޮތަށް، ހަފްލާތައް ބޭއްވުމަށް 9 ހާސް އަކަފޫޓުގެ ބިމެއް ވެސް އެކަމަށް ޚާއްސަ ކުރާނެއެވެ. މީހުން ހިނގާބިނގާ އުޅުމަށާއި ގަސްގަހާގެއްސަށް އެއްވަރެއްގެ ޖާގައެއް ދޭނެއެވެ. އެއީ ކޮންމެ ބަޔަކަށްވެސް 3 ހާހެއްހައި އަކަފޫޓެވެ.

ސުއާލަކީ މޭޔަރުގެ ވިސްނުން އެއް ދަޖަރަ ކުރިއަށް ޖައްސާލެވެން ނެތީ ތޯއެވެ؟ އިންތިހާއަށް ޕާކިންގެ ޖާގަ ބޭނުންވެފައިވާ އިރު އޮލަނބަށް ޕާކިންގެ ޖާގަ ހެދުމަށް ބުރިބުރިއަށް ނެގުމުގެ ވިސްނުމެއް ނެތީ ތޯއެވެ؟

ހިއްސާ ކުރައްވާ!