ކެރަލާގައި ކޮވިޑް-19 އަލުން އާލަވާމުން ދާކަން ފާހަގަކުރެވެއެވެ. މި މަހު 182 ކޭސް ރިޕޯޓުކުރެވިފައި ވެއެވެ. ކެރެލާގެ ސިއްޙީ ވަޒީރު ވީނާ ޖޯޖް ވަނީ ކޮވިޑަށް އާންމުން އިތުރަށް ސަމާލުވުމަށް ގޮވާލައްވާފައެވެ. ކެރަލާގައި އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ ކޮޓައްޔަމުން އިންނެވެ. އެއީ 57 ކޭސްއެވެ. އެއަށްފަހު އެރްނަކުލަމް އިން 34 ކޭސް އަދި ޓްރިވެންޑްރަމްއން 30 ކޭސް ރިޕޯޓުކުރެވިފައިވެއެވެ.
ކެރެލާގައި ކޮވިޑް ޖައްސަނީ، ވަރަށް ފަސޭހައިން ފެތުރޭ އޮމިކްރޮން ޖޭއެން1 ސަބް-ވޭރިއަންޓްތަކުގެ ތެރެއިން އެލްއެފް.7 އަދި އެންބީ.1.8 ވައިރަސް ކަމަށް ބުނެއެވެ. މި ވޭރިއަންޓްތަކުގެ ނުރައްކާތެރިކަން ކުޑަކަމުގައި ވިޔަސް، ވަޒީރު ޖޯޖް ވަނީ ރައްޔިތުން އަމިއްލަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ކެރެލާ ސަރުކާރުން ވަނީ ބަލީގެ އަލާމާތްތައް ހުންނަ މީހުން ޓެސްޓުކުރުން އިތުރުކުރުމަށާއި، ޓެސްޓް ކިޓުތައް އާންމު ތަންތާނގައި ލިބެން ހުރިކަން ކަށަވަރުކުރުމަށާއި، ހޮސްޕިޓަލުތަކުގައި މާސްކު އެޅުން ލާޒިމުކުރުމަށް އަންގާފައެވެ.
އާންމުންނަށް، ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި، މާބަނޑު އަންހެނުންނަށާއި، އެހެނިހެން ބަލިތަކާއެކު އުޅޭ މީހުންނަށް، އާންމު ތަންތަނުގައި މާސްކު އެޅުމަށާއި ކޮންމެހެން ނޫން ގޮތެއްގައި ހޮސްޕިޓަލަށް ދިއުމުން ދުރުހެލިވުމަށް ލަފާދީފައި ވެއެވެ. އަދި އަތް ދޮވުމާއި ފަރުވާގެ އުސޫލުތަކަށް ތަބާވުމުގެ މުހިންމުކަމަށްވެސް މީހުންނަށް އިރުޝާދު ދެމުން ދެއެވެ.
މޫސުން ގޯސްވާ ދުވަސްވަރު ކައިރިވަމުން އަންނާތީ، ސިއްޙީ ޑިޕާޓްމަންޓުން ވަނީ ޑެންގީ އާއި ލެޕްރެސީގެ ނުރައްކާ އިތުރުވެދާނެކަމަށް އިންޒާރުދީފައެވެ. އަދި މިފަދަ ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި މަދިރި ކޮންޓްރޯލު ކުރުން މޮނިޓަރކުރުން އިތުރުކުރެވިފައިވެއެވެ.






