އައިފޯނު 16 އިންޑިއާއިން އިތުރަށް އުފައްދަނީ

ޓާޓާ އިލެކްޓްރޯނިކްސްއިން ތަމިލްނާޑޫގެ ހޮސޫރުގައި ހުންނަ އެ ކުންފުނީގެ ފެސިލިޓީގައި އެޕަލްގެ އައިފޯން 16 އަދި 16އީ މޮޑެލްތައް އެސެމްބްލްކުރަން ފަށައިފިއެވެ. މިއީ ސްމާޓްފޯނުގެ ސަޕްލައި ޗެއިންގައި މުހިންމު ދައުރެއް އަދާކުރާ ފަރާތަކަށް އިންޑިއާ ހެދުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. މި ފެކްޓްރީއަކީ ކުރިން އައިފޯންގެ ބޭރު ތޮށިގަނޑު އުފެއްދުމަށް ޚާއްސަ ފެކްޓްރިއެކެވެ. މި ޕްލާންޓްގައި  މިހާރު ދެ އެސެމްބްލީ ލައިން ވަނީ ޤާއިމުކޮށްފައެވެ. އަދި ކުރި މަގުގައި 4 އެސެމްބްލީ ލައިންއަށް އިތުރުކުރުމުގެ ޕްލޭންތައް ވެސް ވަނީ ރޭވިފައެވެ. މި ކޮންމެ ލައިނެއްގައި 2،500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނެއެވެ.

މިއީ ޓާޓާއިން ވިސްޓްރޮން އަދި ޕެގަޓްރޮންގެ އިންޑިއާގެ އޮޕަރޭޝަންތައް ގަތުމުން އައި ކުރިއެރުމެކެވެ. މިއީ އެޕަލްއިން އައިފޯން އުފެއްދުން ޗައިނާ ފިޔަވައި އެހެން ޤައުމުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ބާރެކެވެ.

މިހާރު އައިފޯންތަކުގެ 75 އިންސައްތަ އުފައްދަނީ ޗައިނާގައެވެ. އަދި އިންޑިއާގެ ހިއްސާއަކީ 18 އިންސައްތައެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން މި ފެކްޓްރީގެ މަސައްކަތަށް ލަސްވުމެއް އައި ނަމަވެސް، ޓާޓާއިން މިހާރު ވަނީ ފޯނުގެ ބޭރު ތޮށިގަނޑު އުފެއްދުން 50،000 ޔުނިޓަށް އިތުރު ކޮށްފައެވެ.

މިއީ ބައިލައްކަ ވަޒީފާ އުފައްދާފައިވާ ޕްލާންޓެކެވެ.

ހިއްސާ ކުރައްވާ!