ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ މަޤާމު ޖަޕާން ފަހަތަށް ޖައްސާލައި އިންޑިއާއިން ހޯދާފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އޭޕްރީލް 2025 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ ނޮމިނަލް ޖީޑީޕީ 4.39 ޓްރިލިއަން ޑޮލަރަށް އަރައެވެ މިއީ ޖަޕާނުގެ 4.27 ޓްރިލިއަން ޑޮލަރަށް ވުރެ މަތީ އަދަދެކެވެ.
އިންޑިޔާގެ 10 ވަނަ ނިޓީ އަޔޯގް ގަވަނިން ކައުންސިލްގެ ބައްދަލުވުމަށް ފަހު އިއުލާންކުރި މި މައިލްސްޓޯން އިން ދައްކާ ގޮތުގައި އިންޑިއާ ފަހަތުން އޮތީ އެމެރިކާ، ޗައިނާ، އަދި ޖަރުމަނެވެ.
އިންޑިއާ ސަރުކާރުން ބުނަނީ މި ކާމިޔާބީ ނިސްބަތް ކުރެވެނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ އިންވެސްޓްމަންޓާއި ކަރަންޓު އުޅަނދުފަހަރާއި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ކުރިއެރުމަށް ކުރި މަސައްކަތަށެވެ.
އައިއެމްއެފް އިން ލަފާކުރާ ގޮތުގައި އިންޑިއާގެ އިގްތިސާދު 2025 ވަނަ އަހަރު %6.2 ގައި ކުރިއަރާނެ އެވެ.
މިއީ ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން އެންމެ ހަލުވި އިގްތިސާދެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި 2028 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން ޖަރުމަން ފަހަތަށް ޖައްސާލައި ތިންވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގައުމަކަށް ވެދާނެ އެވެ.






