ދުނިޔޭގެ އިޤްތިޞާދީ ހާލަތަށް އަންނަމުންދާ ބަދަލުތަކާއި އެމެރިކާއިން ކަނޑައަޅާފައިވާ ޓެރިފްތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، އާސިއާންގެ ގައުމުތަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލް ޖީސީސީ އަދި ޗައިނާގެ މެދުގައި ތިން ފަރާތުގެ ސަމިޓެއް ކުއާލަލަމްޕޫރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި މިއަދު ފެށުނު އާސިއާން-ޖީސީސީ ސަމިޓް ހުޅުވައިދެއްވަމުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، މި ދެ ޖަމްޢިއްޔާގެ ގުޅުން ވަރުގަދަ ކުރުމަކީ ސަރަޙައްދީ އެއްބާރުލުން އިތުރުކޮށް، އިޤްތިޞާދީ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް މުހިންމު ކަމެއް ކަމުގައެވެ.
"މިއަދު ދުނިޔެ ދަނީ އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުން. މިފަދަ ދަނޑިވަޅެއްގައި އާސިއާން-ޖީސީސީ ގެ ގުޅުން ދުވަހަކުވެސް މުހިންމު ނުވާ މިންވަރަށް ވަނީ މުހިންމު ވެފައި،" އަންވަރު ވިދާޅުވިއެވެ.
ޗައިނާގެ ބޮޑުވަޒީރު ލީ ޗިއާންގް ވެސް މި ސަމިޓާ ގުޅިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މިއީ މި ތިން ފަރާތުގެ މެދުގައި ބޭއްވޭ ފުރަތަމަ ސަމިޓެވެ. މި ސަމިޓުގައި ޗައިނާއިން ބައިވެރިވުމަކީ، އެ ޤައުމުން މި ސަރަޙައްދުގެ ޤައުމުތަކަށް އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި ތަޢާރަފުވުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ.
ކުވެއިތުގެ ވަލީ އަހުދު ޝެއިޚް ސަބާޙް ޚާލިދު އަލް-ސަބާޙް ވިދާޅުވީ، މި ދެ ޖަމްޢިއްޔާގެ މެދުގައި ފުރަތަމަ ސަމިޓް 2023 ވަނަ އަހަރު ރިޔާޟުގައި ބޭއްވުނު ފަހުން، އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖީސީސީއަކީ އާސިއާންގެ 7 ވަނަ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ. 2023 ވަނަ އަހަރު މި ދެ ޖަމްޢިއްޔާގެ މެދުގައި ކުރެވުނު ވިޔަފާރީގެ ޖުމްލަ އަގަކީ 130.7 ބިލިއަން ޑޮލަރެވެ.
އާސިއާންގެ މެންބަރު ޤައުމުތަކުގެ ތެރެއިން 6 ޤައުމަކަށް އެމެރިކާއިން ކަނޑައަޅާފައިވާ ޓެރިފްތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ.




