އެމެރިކާގެ ރައީސް ޓްރަމްޕްގެ ޓެރިފް ސިޔާސަތުގެ ސަބަބުން އެޕަލް ކުންފުނިން އައިފޯނު އުފެއްދުމުގައި ޗައިނާއަށް ބަރޯސާވުން ކުޑަކޮށް، އިންޑިއާއަށް ބަދަލުކުރަން ނިންމި ނިންމުން އަނބުރާ ނުގެންދާނެއެވެ.
އޮމްޑިއާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ އޭޕްރިލް މަހު އިންޑިއާއިން އެމެރިކާއަށް ފޮނުވި އައިފޯނުގެ އަދަދު 74 އިންސައްތަ އިތުރުވެ، 2.9 މިލިއަން ޔުނިޓަށް އަރާފައިވާއިރު، ޗައިނާއިން ފޮނުވި އަދަދު 76 އިންސައްތަ ދަށްވެ 900,000 ޔުނިޓަށް ވަނީ ތިރިވެފައެވެ.
މި ބަދަލު އައިސްފައިވަނީ ރައީސް ޓްރަމްޕްގެ އިމްޕޯޓް ޓެރިފް ސިޔާސަތުގެ ސަބަބުންނެވެ. ޗައިނާއިން އިމްޕޯޓްކުރާ ތަކެއްޗަށް 30 އިންސައްތައިގެ ޑިއުޓީއެއް ނަގާއިރު، އިންޑިއާއިން އިމްޕޯޓްކުރާ ތަކެއްޗަށް ނަގަނީ 10 އިންސައްތައެވެ. މިކަމުގެ ސަބަބުން އެޕަލްއިން ވަނީ އުފެއްދުންތެރިކަން އިންޑިއާއަށް ބަދަލުކުރަން ފަށާފައެވެ. މިގޮތުން މިދިޔަ މާރިޗު މަހު އެޕަލްއިން 2 ބިލިއަން ޑޮލަރުގެ އައިފޯނު އިންޑިއާއިން އެއަރލިފްޓް ކޮށްފައިވެއެވެ. އިންޑިއާގައި އައިފޯނު އުފެއްދުމުގައި ފޮކްސްކޮން އަދި ޓާޓާ ކުންފުނިތަކުން އިސް ދައުރެއް އަދާކުރެއެވެ.
ނަމަވެސް، ރައީސް ޓްރަމްޕް އިމްޕޯޓް ޓެރިފް 25 އިންސައްތައަށް އިތުރުކުރުމުގެ ބިރުދެއްކުމުން ވެސް އެޕަލްއިން އެމެރިކާގައި އައިފޯނު އުފައްދަން ފަށާނެކަމަކަށް ތަޙުލީލުކުރާ ފަރާތްތަކުން ނުދެކެއެވެ. އެމެރިކާގައި އައިފޯނު އުފެއްދުމަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިންނާއި އިންފްރާސްޓްރަކްޗަރ ނެތްކަމަށް ބުނެއެވެ.
ސީއެންއެން ރިޕޯޓެއްގައިވެސް ބުނަނީ އެމެރިކާގައި އައިފޯނު އުފެއްދުމަކީ "ހުވަފެނެއް" ކަމަށެވެ. އެމެރިކާގައި އުފައްދައިފިނަމަ އައިފޯނުގެ އަގު 3,500 ޑޮލަރަށް އަރާނެކަމަށް ލަފާކުރެއެވެ.
އިންޑިއާގެ އުފެއްދުންތެރިކަން އެމެރިކާގެ ޑިމާންޑަށް ފުދޭވަރަށް އަރާނީ 2026 ވަނަ އަހަރު ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ސަޕްލައި ޗެއިން ފުޅާކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބަށް ބެލެވެއެވެ.






