ޔުކްރެއިންގެ ސެކިއުރިޓީ ސަރވިސް (އެސްބީޔޫ) އިން ރަޝިޔާގެ އެތައް ސަރަހައްދަކަށް ވަރުގަދަ ޑްރޯން ހަމަލާއެއް ދީފިއެވެ. "އޮޕަރޭޝަން ސްޕައިޑަރސް ވެބް" ގެ ނަމުގައި ދިން މި ހަމަލާގައި ރަޝިޔާގެ ފަސް ސަރަހައްދެއްގައި ހުރި އެއަރބޭސްތަކަށް ހަމަލަ ދޭން 117 ޑްރޯން ޔުކްރެއިން އިން ބޭނުން ކޮށްފައިވެއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މި ހަމަލާ ދީފައިވާ ކަން ކަށަވަރުކޮށް ދެއެވެ. މި ހަމަލަތައް އަމާޒުކޮށްފައި ވަނީ މަރމަންސްކް، އިރކުޓްސްކް، އިވަނޯވޯ، ރިޔަޒަން އަދި އަމޫރުގައި ހުރި އެއަރބޭސްތަކަށެވެ.
މި ހަމަލަ ކާމިޔާބު ކަމަށް ބަލާފައި ވަނީ ހަމަލަ ދީފައިވާ ސަރަހައްދު ތަކަށް ބަލައިގެން ނެވެ. ހަމަދީފައިވާ ދުރުމިނަކީ 4300 ކިލޯމީޓަރާއި 1800 ކިލޯމީޓަރުގެ ދުރުމިނުގެ ތަންތަނަށެވެ. ރަޝިޔާއިން ބުނަނީ މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވާކަމަށެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ މި އޮޕަރޭޝަނަކީ ކާމިޔާބު ފުރިހަމަ އޮޕަރޭޝަނެއް ކަމަށް ބުނެފައިވެއެވެ. މި އޮޕަރޭޝަނަށް ޔުކްރެއިން އިން ވަނީ 18 މަސްދުވަހަށްވުރެ ގިނަ ދުވަސް ރޭވުމަށް ހޭދަކޮށްފައެވެ. މީގައި ރަޝިޔާގެ ސްޓްރެޓެޖިކް ވައިގެ ދިފާއީ މަރުކަޒުތަކަށް "ބޮޑެތި ގެއްލުންތަކެއް" ދީފައިވާކަމަށް ޒިލެންސްކީ ބުނެފައިވެއެވެ.
ޔުކްރެއިންގެ އިސް އޮފިޝަލަކު ބުނިގޮތުގައި މި ހަމަލާގައި މަދުވެގެން ރަޝިޔާގެ 13 މަތިންދާބޯޓު ހަލާކުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ބޮންއަޅަން ބޭނުން ކުރާ ޓޫ-95 އަދި ޓޫ-22އެމް ސްޓްރެޓެޖިކް ބޮމަރުތައް ހިމެނެއެވެ. މި ހަމަލާއިން ރަޝިޔާއަށް 7 ބިލިއަން ޑޮލަރުގެ ގެއްލުން ދީފައިވާ ކަމަށާއި، އަދި ރަޝިޔާގެ ކްރޫޒް މިސައިލް އުފުލާ ބޯޓުތަކުގެ 34 އިންސައްތައަށް އަމަޒުކޮށް ހަލާކުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގައި ބޭނުން ކޮށްފައިވާ އެފްޕީވީ ޑްރޯންތައް ރަޝިޔާގެ ސަރަހައްދަށް ވެއްދީ ލަކުޑި ފޮށިތަކުގައި ބަންދުކޮށްގެން ލޮރިތަކުގައެވެ.
އެއަށްފަހު ރިމޯޓް ބޭނުންކޮށްގެން ފޮށިތައް ހުޅުވައިގެން ހަމަލާ ދީފައިވާކަމަށް ޔުކްރެއިން އިން ބުނެފައިވެއެވެ.
ރަޝިޔާއިން ބުނެފައިވަނީ ޔުކްރެއިނުން ބޮޑު އެއަރ ރެއިޑެއް ރޭގަނޑުގެ ވަގުތުގައި ހިންގާފައިވާ ކަމަށެވެ. މި ރެއިޑުގައި 162 ޑްރޯން ބޭނުންކޮށްގެން 9 ސަރަހައްދަކަށް އަމާޒުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 57 ޑްރޯން ކަރްސްކްގައި އަދި 31 ޑްރޯން ބެލްގޮރޮޑްގައި ވައްޓާލެވުނު ކަމަށް ބުނެފައިވެއެވެ.





