އިންޑިއާގެ ހުރިހާ ޕާޓީތަކެއް ހިމެނޭ ޕާލިމެންޓަރީ ވަފުދެއް އިނގިރޭސިވިލާތުގެ ޝެޑޯ ފޮރިން ސެކްރެޓަރީ ޕްރިތީ ޕަޓެލްއާ ބައްދަލުކޮށް، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިއާ ސާބިތުވެ އޮތްކަން އަންގައިދީފިއެވެ. ބީޖޭޕީގެ އެމްޕީ ރަވީ ޝަންކަރު ޕްރަސާދުގެ ލީޑު ކުރެއްވި މި ބައްދަލުވުމުގައި، އެމްޕީ ޑަގުބަތީ ޕުރަންދެސްވަރީ އަދި ޕްރިޔަންކާ ޗަތުރުވެދީ ފަދަ އިސް އެމްޕީންވެސް ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި ވަފުދުން ފާހަގަކުރި ގޮތުގައި "އޮޕަރޭޝަން ސިންދޫރު" އަކީ އިންޑިއާއިން ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ އައު މިންގަނޑެކެވެ. މި އޮޕަރޭޝަން ފެށުނީ މޭ 7 ވަނަ ދުވަހު، އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެ ހަމަލާގައި 26 މީހުން މަރުވެފައިވެއެވެ.
އޮޕަރޭޝަން ސިންދޫރުގައި ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ޖަމްމޫ އަދި ކަޝްމީރުގައި ހުރި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ އަމާޒުކޮށް، ލަޝްކަރޭ ތައިބާ އަދި ޖައިޝޭ މުޙައްމަދު ފަދަ ގްރޫޕްތަކާ ގުޅުންހުރި 100 އަށްވުރެ ގިނަ ޓެރަރިސްޓުން މަރާލާފައި ވެއެވެ.
ޕްރަސާދު ވަނީ ޕާކިސްތާނުގެ މިލިޓަރީ ވެރިކަމަށްވެސް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި ޕާކިސްތާނުގެ ތާރީޚަކީ ޑިމޮކްރަސީއާ ޚިލާފު ތާރީޚެކެވެ. އަދި ޕާކސްތާނު ދައުލަތުގެ ފަރާތުން ޓެރަރިޒަމަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރިއެވެ. އޭނާ ފާހަގަކުރި ގޮތުގައި އިންޑިއާއިން އޮޕަރޭޝަން ހިންގީ ވަރަށް ފަރުވާތެރިކަމާއެކު، އާންމު ރައްޔިތުންނަށް ގެއްލުމެއް ނުލިބޭ ގޮތަށެވެ. ޕާކިސްތާނުން ފޮނުވި މިސައިލް ހަމަލާތައް އިންޑިއާއިން ނައްތާލިކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން، މި ވަފުދުން ވަނީ ލަންޑަނުގައި ހުންނަ އިންޑިއާ ހައުސްގައި ޔޫކޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ ބައްދަލުކޮށް، ޓެރަރިޒަމާ ދެކޮޅަށް ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމުގެ ވަހަކަ ދައްކާފައެވެ.







