ޓުއިޓާއިން ވަޒީފާ ދިނުމުން ގޫގްލްއިން 100 މިލިއަން ޑޮލަރު ދިނުމަށްފަހު އޭނާއަށް ހުށަހެޅީ ޓުއިޓާއިން ދޭ މަގާމަށް ނުދިނުމަށެވެ. މިހާރު އޭނާއަކީ ގޫގްލް އިން ހިންގާ ޔޫޓިއުބުގެ ސީއީއޯއެވެ. އެއީ އިންޑިއާގެ ލަކްނައުގެ ނީލް މޯހަން އެވެ. އެމަގާމަށް އޭނާ އައްޔަން ކޮށްފައި ވަނީ 2023ގެ ފެބްރުއަރީގައެވެ. އެ މަޤާމަށް އޭނާ އައްޔަން ކޮށްފައި ވަނީ ކުރީގެ ސީއީއޯ ސޫސަން ވޮޖިސްކީ އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
އިންޑިއާގެ ލަކްނައު އަށް ނިސްބަތްވާ، ނީލް މޯހަން އަކީ 1973 ވަނަ އަހަރު އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ ލަފަޔެޓްގައި އުފަން މީހެކެވެ. އޭނާގެ މައިންބަފައިންނަކީ އެ ސިޓީއަށް އިންޑިއާއިން ހިޖުރަކުރި ބައެކެވެ. ނަމަވެސް މޯހަން ޅަފަތުގައި އުޅުނީ އިންޑިއާގައި ހިންދީ އަދި ސަންސްކްރިޓް ބަސް ދަސްކުރާށެވެ.
އޭނާ ތައުލީމު ހާސިލު ކުރީ ސްޓޭންފޯޑް ޔުނިވަރސިޓީން އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ނެވެ.
މޯހަންގެ ކެރިއަރ ފެށުނީ އެކްސެންޗަރގައެވެ. އޭގެ ފަހުން އޭނާ ވަޒީފާ އަދާކުރީ ނެޓްގްރެވިޓީ ނަމަކަށް ކިޔުނު ސްޓާޓްއަޕެއްގައެވެ. 1997 ގައި ޑަބަލްކްލިކް އިން ނެޓްގްރެވިޓީ ގަތުމާ ގުޅިގެން، މޯހަން ޑަބަލްކްލިކްގައި މަސައްކަތްކުރަން ފެށިއެވެ. އެ ކުންފުނީގައި އޭނާ ވަނީ ވައިސް ޕްރެޒިޑެންޓް އޮފް ބިޒްނަސް އޮޕަރޭޝަންސްގެ މަޤާމު އަދާކޮށް، ވެބްސައިޓްތައް އާންމުވެ ވާދަވެރިކަން އުފެދިގެން ދިއުމުން އެ ކުންފުނި ސަލާމަތް ކޮށް ތަރައްޤީ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އޭނާ ވަޒީފާއަދާ ކުރި ޑަބަލްލިންކު 2007ގައި ގަތީ ގޫގްލްއިންނެވެ. 3.1 ބިލިއަން ޑޮލަރަށް ގޫގްލްއިން އެކުންފުނި ގަތުމާ ގުޅިގެން، މޯހަން ގޫގުލްއާ ގުޅުނެވެ. އޭގެ ފަހުން 2015 ގައި އޭނާ ޔޫޓިއުބްގެ ޗީފް ޕްރޮޑަކްޓް އޮފިސަރގެ މަޤާމަށް ބަދަލުވިއެވެ. މި މަޤާމުގައި ހުރެ އޭނާ ވަނީ ޔޫޓިއުބް ޓީވީ، ޔޫޓިއުބް މިއުޒިކް، ޔޫޓިއުބް ޕްރީމިއަމް އަދި ޔޫޓިއުބް ޝޯޓްސް ފަދަ ޚިދުމަތްތައް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
އަދި ޔޫޓިއުބުގެ ސީއީއޯގެ ހައިސިއްޔަތުން މޯހަން ވަނީ ކޮންޓެންޓް ކްރިއޭޓަރުންގެ އިޤްތިޞާދު ކުރިއެރުވުމާއި، ކޮންޓެންޓް މޮޑަރޭޝަން ސިޔާސަތުތައް ހަރުދަނާކުރުމާއި، ޓިކްޓޮކް ފަދަ ވާދަވެރި ޕްލެޓްފޯމްތަކާ ވާދަކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިހާރު މޯހަންގެ މުއްސަނދި ކަމުގައި 150 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހިމެނެއެވެ.






