ރަޝިޔާގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބާއާ ދިމާކޮށް، ރާއްޖެއަށް ކަނޑައަޅާފައިވާ ރަޝިޔާގެ ސަފީރު ލީވަން ޖަގާރިޔަން ވަނީ ދިވެހިރާއްޖެއާއި ރަޝިޔާއާ ދެމެދުގެ 59 އަހަރުގެ ޑިޕްލޮމެޓިކް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އީ-ޓުރުތު އެމްވީގައި ލިޔުއްވި، އޮޕްއެޑެއްގައި އެމްބެސެޑަރ ޖަގާރިޔަން ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް ރަޝިޔާއިން ޙިއްސާވެ ދިނުމަކީ، ދެ ޤައުމުގެ ގުޅުމުގެ މުހިންމު ބައެއް ކަމަށެވެ. ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އިޝާރާތް ކުރައްވަމުން އެމްބެސެޑަރ ވިދާޅުވީ، ރަޝިޔާއަކީ ފަތުރުވެރިން ފޮނުވުމުގައި އެންމެ ކުރީގައި އުޅޭ ޤައުމު ކަމަށާއި ކޮންމެ އަހަރަކުހެން، ގާތްގަނޑަކަށް 2 ލައްކަ ފަތުރުވެރިން ރާއްޖެއަށް ރަޝިޔާއިން ޒިޔާރަތް ކުރާ ކަމަށެވެ.
ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމުގެ މުހިންމު އެހެން ދާއިރާތަކަށްވެސް އެމްބެސެޑަރ އަލިއަޅުވައި ލެއްވިއެވެ. އެގޮތުން 2019 ވަނަ އަހަރު ސޮއިކުރެވުނު ވިސާގެ އެއްބަސްވުމާއި ކުރީގެ ފޮރިން މިނިސްޓަރ ރަޝިޔާއަށް ޒިޔާރަތް ކުރެއްވުން ވެސް ފާހަގަ ކުރެއްވިއެވެ.
ރަޝިޔާއާއި ރާއްޖޭގެ ގުޅުމަކީ ދިވެހި ދަރިވަރުން، ރަޝިޔާގެ ޔުނިވަރސިޓީތަކުގައި 1970ން ފެށިގެން ކިޔަވަން ފެށި ހިސާބުން ބަދަހިވަމުން އައިސްފައިވާ ގުޅުމެއް ކަން ފާހަގަ ކުރެއްވިއެވެ. ރަޝިޔާއަކީ އެކި ދާއިރާއަކުން ދީލަތިކަމާއެކު ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ދެމުން ގޮސްފައިވާ ޤައުމެކެވެ. އަދި މިހާރުވެސް މަސްއޫލު މަގާމުތައް ފުރުއްވުމުގައި ރަޝިޔާގެ ޔުނިވާސިޓީތަކުން ދަސްވެނިވެފައިވާ ގިނަ ބޭފުޅުން ތިއްބެވިކަން ފާހަގަ ކުރެއްވިއެވެ. އެމްބެސެޑަރ ވިދާޅުވީ، ދެ ޤައުމުގެ ސަގާފީ ގުޅުން ބަދަހި ވެގެން ދިއުމުގައި ސްކޮލަރޝިޕްތަކުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ރަޝިޔާއާއި ރާއްޖޭގެ ގުޅުން ބަދަހިވަމުންދާ ގޮތާ ބެހޭ ގޮތުންވެސް ސަފީރު ވަނީ މި އޮޕްއެޑްގައި އަލިއަޅުވައި ލައްވާފައެވެ. އެގޮތުން، 2024 ވަނަ އަހަރު ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާ އެކު ކުރިއަށް ގެންދެވި މަޝްވަރާތައް ފާހަގަ ކުރެއްވިއެވެ.
ރާއްޖެއާއި ރަޝިޔާގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ރަޝިޔާއިން މިއަހަރު، ރާއްޖޭގައި ކޮންސިއުލޭޓެއް ހުޅުވިކަން ފާހަގަ ކުރައްވަމުން އެކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. 





