ވޯލްމާޓުން 10 ބިލިއަން ޑޮލަރުގެ އެކްސްޕޯޓް ޓާގެޓެއް ކަނޑައަޅައިފި

އެމެރިކާގެ ވޯލްމާޓް ކުންފުނިން ވަނީ، 2027 ވަނަ އަހަރާ ހަމައަށް އިންޑިއާއިން އަހަރަކު 10 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކުރުމުގެ އަމާޒެއް ކަނޑައަޅާފައެވެ.

މި މަސައްކަތުގައި އެ ކުންފުނިން ބޭނުންކުރާނީ އެ ކުންފުނީގެ ފްލިޕްކާޓް ޕްލެޓްފޯމެވެ. މިކަމުގެ ސަބަބުން 100,000 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނަފާ ލިބިގެންދާނެ ކަމަށް ވޯލްމާޓުން ބުނެއެވެ. ވޯލްމާޓްގެ ސީއީއޯ ޑަގް މެކްމިލަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދު ބޭއްވި ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.

މި ސްޓްރެޓަޖީ ބިނާވެފައިވަނީ އިންޑިއާގައި ވޯލްމާޓުން ދިގު މުއްދަތަށް ކުރަމުން ގެންދާ އިންވެސްޓްމަންޓްތަކުގެ މައްޗަށެވެ. 2024 ވަނަ އަހަރުގެ ސީއެންބީސީ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ވޯލްމާޓުން އިންޑިއާގެ ބާޒާރުން ޖުމްލަ 30 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ.

ފްލިޕްކާޓުން ވަނީ އިންޑިއާގެ ރަށްފުށުގެ އަތްތެރި މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް ޕްރޮގްރާމެއް ފަށާފައެވެ. މިކަންކަމަކީ ދުނިޔޭގެ ސިނާއީ މަރުކަޒެއްގެ ގޮތުގައި އިންޑިއާގެ ދައުރު ފުޅާކުރުމުގެ ބައެކެވެ.

އިންޑިއާގެ ޖީޑީޕީގެ 30 އިންސައްތައާއި، އެކްސްޕޯޓްގެ 50 އިންސައްތައަކީ ކުދި ވިޔަފާރިތަކުން ލިބޭ އެއްޗެކެވެ.

ވޯލްމާޓްގެ ސީއީއޯ ޑަގް މެކްމިލަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުވުމުގައި، އީޖާދީ މަސައްކަތްތަކާއި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ވޯލްމާޓުން ރާވާފައިވަނީ ފްލިޕްކާޓް އަދި ފޯންޕޭ މެދުވެރިކޮށް، މުދާ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކުރާށެވެ. އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގައި ހުރި ރީޓެއިލް ސަޕްލައި ޗެއިންތައް އިތުރަށް ތަފާތުކުރުމެވެ.

ހިއްސާ ކުރައްވާ!