ޓްރިވެންޑްރަމަށް ޖެއްސި އިނގިރޭސި ބޯޓު އަދިވެސް ނުފުރިފައި

ވިއްސާރައާއި އަވީގައި 24 ގަޑިއިރު އިންޑިއާ ސިފައިން ދަނީ ޓްރިވެންޑްރަމް އެއާޕޯޓަށް ޖެއްސި އިނގިރޭސިންގެ އެފް35 އަސްކަރީ މަތިންދާ ބޯޓެއް ގާޑު ކޮށްދެމުންނެވެ. އެއްބަޔަކު ބުނަނީ، މި ބޯޓަކީ އިންޑިއާއަށް ޖާސޫސް ކުރުމަށް ޖައްސާފައިވާ ބޯޓެއް ކަމަށެވެ.

މީސްމީޑިއާގައި މީހުން ވަނީ އިނގިރޭސިންނަށް މަލާމާތްވެސް ކުރަން ފަށާފައެވެ. އެއް ބަޔަކު 110 މިލިއަން ޑޮލަރުގެ އެފް35ގެ ބޯޓު 40 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލަނީ ކަމަވެސް ބުނެ އިޝްތިހާރު ޖަހައިފިއެވެ.

މި ބޯޓަކީ އިންޑިއާ ކަނޑުން ފުރައިގެން އީރާންގެ ވައިގެ ސަރަހައްދަށް ޖާސޫސްކުރުމަށް ދަތުރު ކުރަމުން ދިޔަ ބޯޓެކެވެ. ނަމަވެސް މައްސަލައެއް ދިމާވެގެން ޓްރިވެންޑްރަމް އެއާޕޯޓަށް ޖެއްސިގޮތަށް އަދިވެސް ބޯޓަށް ނުފުރި ދެ ހަފްތާ ވެގެން ދިޔައީއެވެ.

އެންމެފަހުން އިންޑިއާއިން ބުނެފައި ވަނީ ބޯޓު ޕާކްކޮށްފައިވާ މުއްދަތަށް އެއާޕޯޓަށް ފީ ދައްކަން ޖެހޭނެ ކަމަށެވެ.

އިނގިރޭސިން ބުނެފައި ވަނީ ބޯޓު އުދުއްސޭތޯ ބެލުމަށް 40 އިންޖިނިއަރުންގެ ޓީމެއް ދާދި އަވަހަށް ޓްރިވެންޑްރަމަށް ދާނެ ކަމަށެވެ.

މީސްމީޑިއާގައި މީހުން ބުނެފައި ވަނީ މިހާ އަގުބޮޑު ބޯޓެއް މިހާ ރައްކާތެރިކޮށް ޕާކްކޮށްފައި ބޭއްވެނީ އިންޑިއާ ވީމައި ކަމަށެވެ. އެހެން ގައުމެއްނަމަ މިހާރު މި ބޯޓު ފެންނާންވެސް ނޯންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!