އާޖެންޓީނާއިން ލިތިއަމް ހޯދުމަށް އިންޑިއާއިން އެއްބަސްވެއްޖެ

ސާފު ހަކަތައިގެ ޓެކްނޮލޮޖީތަކުގެ މުހިންމު ބައެއް ކަމަށްވާ ލިތިއަމް އާޖެންޓީނާއިން ނެގުމަށް ޝައުވެރިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، އިންޑިއާގެ ސަރުކާރުގެ ދެކުންފުންޏަކުން، އާޖެންޓީނާގައި 5 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި ކުންފުނިތަކުން ދަނީ އިންޑިއާގެ ހަކަތައާއި ސިނާއީ ބޭނުންތަކަށް ބޭނުންވާ ލިތިއަމް ފަދަ މުހިންމު މައުދަންތައް ނަގައި ސާފުކޮށް އެކްސްޕޯޓް ކުރުމަށް އިންވެސްޓްމަންޓްތައް ފައިނަލް ކުރަމުންނެވެ.

"ލިތިއަމް ނަގާ ގައުމެއް ކަމަށްވާ އާޖެންޓީނާ އަކީ އިންޑިއާގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރި ގައުމެއް،" އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބްރިކްސްގެ ސަމިޓްގައި ބައިވެރިވުމަށް ބްރަޒިލްއަށް ވަޑައިގަތް މަގުމަތީގައި އާޖެންޓީނާގައި މަޑު ކުރައްވާފައެވެ. ރައީސް ހާވިއާ މިލޭއާ އެކު ހަކަތައާއި މުހިންމު މައުދަންގެ އެއްބާރުލުން އިތުރު ކުރުމާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވި އެވެ. މޯދީ ވަނީ އިންޑިއާއިން ސާފު ހަކަތައަށް ބަދަލުވެ ސިނާއީ ތަރައްގީއަށް އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި އާޖެންޓީނާ އޮތްކަން ފާހަގަކުރައްވާފައެވެ.

އާޖެންޓީނާގެ ގުދުރަތީ މައުދަންގެ މުއްސަނދި ރިޒާވްތަކުގެ ތެރޭގައި ލިތިއަމް، ލޮއެ، އަދި މަދުން ނޫނީ ނުފެންނަ ބާވަތުގެ ނާދިރު މައުދަންތައް ހިމެނެއެވެ.

އިންޑިއާއިން ދަނީ އިންޑިއާއަށް ބޭނުންވާ މައުދަންތައް ހޯދުމަށް ދެކުނު އެމެރިކާއާއި އެފްރިކާގެ ގައުމުތަކާ އެކު މަޝްވަރާކޮށް އެއްބަސްވުން ހަދަމުންނެވެ.

ފަސް ގައުމަކަށް މޯދ ކުރެއްވި ދަތުރުގެ ބައެއްގެ ގޮތުގައި އާޖެންޓީއަށް ވަޑައިގަތީ ގާނާ އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި މަޑުކުރެއްވުމަށް ފަހުއެވެ.  މިހާރު ބްރަޒިލްއަށް ފަހު މޮދީ ވަނީ ނަމީބިއާއަށް ވަޑައިގެންފައެވެ.

ހިއްސާ ކުރައްވާ!