އިންޑިއާ ބްރިކްސްގެ ރިޔާސަތަށް 2026 ވަނަ އަހަރު

ދުނިޔޭގެ އެންމެ ބާރުގަދަ ތަރައްޤީވަމުން އަންނަ އިޤްތިޞާދީ ބްލޮކް ކަމަށްވާ ބްރިކްސްގެ 17 ވަނަ ސަމިޓް، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 6 އިން 7 އަށް ބްރެޒިލްގެ ރިއޯޑިޖެނޭރޯގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އިއުލާންކުރެވިފައިވާ ގޮތުގައި، 2026 ވަނަ އަހަރު ބްރިކްސްގެ ރިޔާސަތާ އިންޑިއާއިން ހަވާލުވާނެއެވެ.

ބްރެޒިލްގެ ރިޔާސަތުގައި ބޭއްވި މި ސަމިޓްގައި، މަލްޓިލެޓަރަލިޒަމް ވަރުގަދަކުރުމާއި، ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތެއްގައި ދުނިޔޭގެ ކަންކަން ހިންގުމުގެ ނިޒާމު ތަރައްޤީކުރުމަށް ސަމާލުކަން ދެވުނެވެ. މި ސަމިޓްގެ މައިގަނޑު މައުޟޫއަކީ "ދުނިޔޭގެ ދެކުނުގައި ގުޅުން ބަދަހިކޮށް، ހުރިހާ ފަރާތްތަކަށް ހިމެނޭ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމްކޮށް ހިންގުން" އެވެ.

ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، ދެކުނު އެފްރިކާ އަދި އާ މެންބަރުން ކަމަށްވާ މިޞްރު، އިތިއޯޕިއާ، އީރާން، ޔޫނައިޓެޑް އަރަބް އެމިރޭޓްސް، އަދި އިންޑޮނޭޝިއާގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި ސަމިޓުން ދައްކުވައިދިނީ، ގްރޫޕުގެ ތެރޭގައި ހުރި ބައިބައިވުންތަކާއި ބޭރުގެ ފިއްތުންތަކާ އެކުވެސް، ބްރިކްސްގެ ދުނިޔޭގައި ފުޅާވަމުން އަންނަ ނުފޫޒެވެ.

މި ސަމިޓްގައި، ހަނގުރާމަތަކަށް ސުލްހަވެރި ހައްލުތައް ހޯދުމަށް ގޮވާލައްވައި، އަދި ހަމަހަމަ އެތައް ގައުމަކުން ބަސްކިޔާ ދުނިޔޭގެ ނިޒާމަކަށް އިންޑިއާއިން ސާބިތުކަމާއެކު ތާއީދުކުރާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވިއެވެ.

އިންޑިއާއިން ބްރިކްސްގެ ރިޔާސަތާ ހަވާލުވަނީ ނާޒުކު ދަނޑިވަޅެއްގައެވެ. މޯގަން ސްޓެންލީއިން އަންދާޒާކުރާ ގޮތުގައި، 2025 ވަނަ އަހަރު އިންޑިއާގެ އިޤްތިޞާދު 5.9 އިންސައްތައަށް، އަދި 2026 ވަނަ އަހަރު 6.4% އަށް ކުރިއަރާނެއެވެ. މިއީ އެމެރިކާ (1%)، ޔޫރޯޒޯން (1% އަށް ވުރެ ދަށް) އަދި ޗައިނާ (4.0%) އަށް ކުރިއަރާ ނިސްބަތާ ބަލާއިރު ރަނގަޅު އަދަދެކެވެ.

މި އިޤްތިޞާދީ ކުރިއެރުމަކީ، އ.ދގެ ސަލާމަތީ މަޖިލިސް އިސްލާހުކުރުމާއި، ހުޅަނގުގެ ނުފޫޒުގެ ދަށުގައި އޮތް ސްވިފްޓްއަށް ބަދަލެއްގެ ގޮތުގައި ބްރިކްސް ޕޭ ފަދަ ވިޔަފާރީގެ އައު ނިޒާމްތަކާ ގުޅޭގޮތުން ބްރިކްސްގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިންޑިއާއަށް ލިބޭނެ ބާރެކެވެ. ނަމަވެސް، މިޞްރާއި އިތިއޯޕިއާއިން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ދެކުނު އެފްރިކާގެ އ.ދ. ސަލާމަތީ މަޖިލިހުގެ ގޮނޑިއަށް ކުރިމަތިލުމަށް އެއްބާރުލުން ނުދިނުމުން މި ޖަމާތުގެ ތެރޭގައި އޮތް ތަފާތުކަންވެސް ފެނެއެވެ.

ރިއޯ ސަމިޓަށް އެމެރިކާއާއި ޔޫރަޕްގެ ސަމާލުކަމެއްވެސް ލިބިފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވަނީ ބްރިކްސް ގައުމުތަކުން "އެމެރިކާއާ ދެކޮޅު ސިޔާސަތުތަކެއް" ގެންގުޅޭ ކަމަށް ބުނެ، 10% ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދީފައެވެ. ހާއްސަކޮށް، ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް އެ ގައުމުތަކުން ކުރާ މަސައްކަތާ ގުޅިގެން ޓްރަމްޕް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ބްރިކްސްގެ ޖޮއިންޓް ސްޓޭޓްމަންޓްގައި، އީރާނަށް އެމެރިކާއާއި އިޒްރޭލުން ދިން އުދުވާނީ ހަމަލާތައް ކުށްވެރިކޮށްފައި ވެއެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ގޮވާލާފައިވުމުން، ބްރިކްސްގެ ސާބިތުކަންވެސް ފެނެއެވެ.

އިންޑިއާއިން 2026 ވަނަ އަހަރު ބްރިކްސްގެ 18 ވަނަ ސަމިޓް ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު، ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީގެ ދާއިރާއާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ލިބޭނެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ތައްޔާރުވެފައިވެއެވެ.

ބްރިކްސް ޗެމްބަރ އޮފް ކޮމާސްއިން ވަނީ ޑިޖިޓަލް އެއްބައިވަންތަކމަށް ބާރުއަޅާފައެވެ. ބްރިކްސްއަކީ ދުނިޔޭގެ އާބާދީގެ 49.5 އިންސައްތައެވެ. އަދި ދުނިޔޭގެ ޖީ.ޑީ.ޕީގެ 40% ތަމްސީލުކުރާ ބްލޮކެކެވެ. މިހާ ބޮޑު ނުފޫޒެއް އޮތް ބްލޮކެއްގެ ރިޔާސަތު އިންޑިއާއަށް ލިބުމުން، ތަފާތު ގައުމުތަކުގެ މި ބްލޮކް އެއްބައިކޮށް، ދެކުނުގެ ގައުމުތަކުގެ އަޑު ގަދަކުރުމަށް އިންޑިއާއަށް ލިބޭ ފުރުސަތެއް ވެސް މެއެވެ.

ހިއްސާ ކުރައްވާ!