ބްރިކްސްގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އަދި ތަރައްޤީވަމުން އަންނަ އިޤްތިޞާދުތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމުގައި އިންޑިއާގެ ދައުރު ވަރަށް މުހިންމު ކަމަށް ވިއެޓްނާމް ޓައިމްސްގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވެއެވެ. ބްރިކްސްގެ މުއައްސިސް މެންބަރެއްގެ ހައިސިއްޔަތުން، އިންޑިއާއިން ދަނީ މި ގްރޫޕްގެ ތެރޭގައި ގައުމުތަކާއެކު އިޤްތިޞާދީ، ޓެކްނޮލޮޖީ އަދި ސަޤާފީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ވިއެޓްނާމް ޓައިމްސްގެ ރިޕޯޓުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވަނީ އިންޑިއާއިން ޑިޖިޓަލް އަދި މާލީ ދާއިރާއިން ދެމުންތާ ފަންނީ އެހީތެރިކަމުގެ މައްޗަށް ބަލާފައެވެ.
މިގޮތުން، އެންމެ ފާހަގަ ކުރެވޭ ކަމަކީ، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ފަދަ އިންޑިއާގެ މަޝްރޫޢުތަކަކީ ބައިނަލްއަޤްވާމީ މުޢާމަލާތްތައް ހަލުވިކަމާއެކު ހިންގުމަށް ނަމޫނާއެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. އަދި ނިއު ޑިވެލޮޕްމަންޓް ބޭންކުގައި އިންޑިއާގެ ލީޑަރޝިޕްގެ ސަބަބުން، ތަރައްޤީވަމުން އަންނަ އިޤްތިޞާދުތަކުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް މަގުފަހިވެގެން ދެއެވެ.
އިންޑިއާއިން ވަކާލާތުކުރަނީ ބްރިކްސްގެ އެއްބާރުލުމުގެ ނަތީޖާ ކުދި އިޤްތިޞާދުތަކަށްވެސް ލިބޭނެ ގޮތް ހެދުމަށެވެ. އަދި އެކަމަށް ފަހިކޮށްދޭ ވިޔަފާރީގެ ސިޔާސަތުތަކެއް ޤާއިމުކުރުމަށެވެ. މީގެ އިތުރުން، އައު އީޖާދުތަކާއި، އިޔާދަކުރަނިވި ހަކަތަ އަދި ޓެކްނޮލޮޖީ ބަދަލުކުރުމަށް އިންޑިއާއިން ދޭ އިސްކަމަކީ ދުނިޔޭގެ ހަމަހަމަކަން އިތުރުކުރުމަށް ބްރިކްސްއިން ކުރާ މަސައްކަތާއި އަދި އެ އަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތާ އެއްހަމަ މަސައްކަތެކެވެ.
ބްރިކްސްގެ ސަމިޓްތަކާއި މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކާއި އިޤްތިޞާދީ ތަފާތުތައް ފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ދެކުނުގެ ޤައުމުތަކަށް މަންސައެއްގެ ގޮތުގައި ބްރިކްސް ބޭނުންކުރުމަށް އިންޑިއާއިން މަގުފަހިކޮށްދެއެވެ. މި ލީޑަރޝިޕްގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދީ ނިޒާމުގައި އިންޑިއާގެ ދައުރުގެ މުހިންމުކަން ހާމަވެ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވެދީ، ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް އިންޑިއާއިން ކުރާ މަސައްކަތް ފާހަގަކުރެވެއެވެ.




