އިންޑިއާގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރައްވާ މޯދީ ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ޚާއްޞަ އިޙުތިފާލު ޝަރަފްވެރި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމާއެކު އެމަނިކުފާނު ވަނީ ސިޔާސީ މައިދާނުގައި އިތުރު ތާރީޚީ މޭލުގަލެއް ހުރަސްކުރައްވައިފައެވެ. އިންޑިއާގެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފައިބައިވަޑައިގަތުމާއެކު، މިއަދު ޖުލައި 25 އަކީ އިންޑިއާގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒީރުގެ ގޮތުގައި ނަރެންދުރަ މޯދީ ފާހަގަވެގެންދާ ދުވަހެވެ.

މީގެ ކުރިން، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ ބޮޑުވަޒީރުކަން ކުރައްވާފައި ވަނީ ޖެނުއަރީ 1966 އާއި މާޗް 1977 އާ ދެމެދު ޖެހިޖެހިގެން 4,077 ދުވަހަށެވެ. މިއަދު ޖުލައި 25 އަށް މޮދީ ވަނީ، 4,078 ދުވަސް ބޮޑުވަޒީރުކަމުގައި ފުރިހަމަ ކުރައްވައި، މި ރެކޯޑް މުގުރާލައްވައިފައެވެ.

މި ކާމިޔާބީއަކީ ބޮޑުވަޒީރު މޯދީގެ ސިޔާސީ ދަތުރުގެ ތާރީޚީ ބާބެކެވެ. 2001 ވަނަ އަހަރު ގުޖުރާތުގެ ޗީފް މިނިސްޓަރުގެ މަގާމުން ފެށިގެން ބޮޑުވަޒީރު މޯދީ މިހާރު ވަނީ އިންތިޚާބުވެފައިވާ ސަރުކާރުތަކުގެ އިސްވެރިއެއްގެ ހައިސިއްޔަތުން – ސްޓޭޓް ފެންވަރުގައިއާއި ގައުމީ ފެންވަރުގައި – ގާތްގަނޑަކަށް 24 އަހަރު ވަންދެން ވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ.

ބޮޑުވަޒީރު މޯދީއަކީ، 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އުފަންވެފައިވާ ފުރަތަމަ އަދި ހަމައެކަނި ބޮޑުވަޒީރު ވެސް މެއެވެ. މީގެ އިތުރުން، އެމަނިކުފާނަކީ އިންޑިއާގެ އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކޮންގްރެސް ނޫން ބޮޑުވަޒީރެވެ. އަދި މަދުވެގެން ދެ ދައުރު ފުރިހަމަ ކުރެއްވި ކޮންގްރެސް ނޫން ފުރަތަމަ ލީޑަރުވެސް މެއެވެ.

ބޮޑުވަޒީރު މޯދީއަކީ ޕާލަމެންޓްގެ އިންތިޚާބެއްގައި އަމިއްލައަށް ސާފު އަޣުލަބިއްޔަތު ހޯއްދެވި ހަމައެކަނި ކޮންގްރެސް ނޫން ބޮޑުވަޒީރެވެ. އަދި އިންދިރާ ގާންދީއަށް ފަހު އަޣުލަބިއްޔަތަކުން އަލުން އިންތިޚާބުވެވަޑައިގަތް ފުރަތަމަ ބޮޑުވަޒީރެވެ.
އެމަނިކުފާނުގެ ސިޔާސީ ޓްރެކް ރެކޯޑްގެ ތެރޭގައި އެމަނިކުފާނުގެ ޕާޓީއަށް ޖެހިޖެހިގެން ތިން ފަހަރު ގައުމީ ފެންވަރުގައި އިންތިޚާބު ކާމިޔާބު ކޮށްދެއްވުން ހިމެނެއެވެ. މީގެ ކުރިން މިކަން ހާސިލްކުރެއްވި ހަމައެކަނި ލީޑަރަކީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރުލާލް ނެހްރޫއެވެ. ބޮޑުވަޒީރު މޯދީ ގުޖުރާތުގައި ޗީފް މިނިސްޓަރުކަން ކުރެއްވި ދައުރު ގުނާލުމުން، އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ޕާޓީގެ ލިސްޓްގައި ޖެހިޖެހިގެން ހަ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އެއީ ގުޖުރާތުގައި ތިން އިންތިޚާބާއި ގައުމީ ފެންވަރުގެ ތިން އިންތިޚާބެވެ.

 

ހިއްސާ ކުރައްވާ!