ޕަހަލްގަމްގެ ހަމަލާގެ މޭސްތިރި ހޯދައި އިންޑިއާ ސިފައިން އޭނާ މަރާލާފައިވާ ކަމަށް ބުނެފިއެވެ. އިންޑިއާ ސިފައިންގެ ސްޕެޝަލް ފޯސަސްއިން "އޮޕަރޭޝަން މަހާދޭވް" ފަށާފައި ވަނީ ކަޝްމީރުގެ ޕަހަލްގަމްގެ ހަމަލާގައި ބައިވެރިވި ކަމަށް ބެލެވޭ ހަނގުރާމަވެރިން ބޭނުންކުރި ސެޓެލައިޓް ފޯނުގެ ސިގްނަލް ޓްރެކް ކުރެވުމުންނެވެ. އިންޑިއާގެ ޖާސޫސީ އިދާރާތަކާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޔުނިޓްތަކަށް މި މައުލޫމާތު ލިބުމުން އަވަސް ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އެ ފަރާތްތަކަށް ލިބިފައިވާ ސިގްނަލްގެ ސަބަބުން ޕަހަލްގަމްގެ ހަމަލާގެ މައިގަނޑު ރޭވުންތެރިއެއް ކަމަށް ބެލެވޭ އާޞިފް / ސުލައިމާން ޝާހު ހުރި ތަނެއް ހޯދައި ގަނެވުނެވެ.
ރިޕޯޓުތަކުގައިވާ ގޮތުން، އޭނާ ވަނީ 2024 ވަނަ އަހަރު ޕީރު ޕަންޖަލް ފަރުބަދަ ސިލްސިލާއިން ކަޝްމީރު ވާދީއަށް ވަދެފައެވެ. އޭގެ ފަހުން ފާރަލާ މީހުންނަށް ފާހަގަ ނުކުރެވޭ ގޮތަށް ދުރުގައި ހަރަކާތްތެރިވަމުން ގޮސްފައެވެ.
އިންޑިއާ ސިފައިން ދިން ހަމަލާގައި މަރުވި އެކަކަކީ ލަޝްކަރޭ ތައިބާ (އެލްއީޓީ) ގެ މެންބަރެއް ކަމަށްވާ ޖުނައިދު އަޙްމަދު ބާތު އެވެ. އޭނާއަކީ، މިދިޔަ ޑިސެންބަރު މަހު ގަންދަރްބަލް ޓަނަލްގެ ހަމަލާއާ ގުޅުން ހުރި ފަރާތެކެވެ.
ޓެރަރިޒަމާ ދެކޮޅަށް ހިންގުނު މި ފުޅާ ދާއިރާގެ އޮޕަރޭޝަނުގައި ސިފައިންގެ ޚާއްޞަ ބާރުތަކުން އިސް ތިން ޓެރަރިސްޓަކު ނައްތާލާފައި ކަމަށް ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ދާޚިލީ ވަޒީރު ވަނީ އިއްޔެ ވިދާޅުވެފައެވެ.





