ދުނިޔެއިން ދުވަހަކު ފެނިފައި ނުވާ ވައްތަރުގެ ލޭގެ ގްރޫޕެއް އިންޑިއާއިން ފެނިއްޖެ

އިންޑިއާގެ ދިރާސާވެރިންނަށް ދުނިޔޭގައި މިހާތަނަށް ފެނިފައި ނުވާ ލޭގެ އައު ވައްތަރެއް 38 އަހަރުގެ އަންހެނެއްގެ ކިބައިން ފާހަގަ ކުރެވިއްޖެއެވެ. މި އިލްމީ ކުރިއެރުމަކީ ލޭ އެޅުމާއި މަދުން ފެންނަ ލޭގެ ވައްތަރުތަކާ ގުޅޭ ދިރާސާތަކަށް އާ ދޮރެއް ހުޅުވައިދޭނެ ކަމެކެވެ.

މި އައު ހޯދުން ފެނުނީ އިންޑިއާގެ ކަރްނާޓަކާގެ ކޮލާރުގެ އަންހެނެއްގެ ހިތުގެ އޮޕަރޭޝަނަކަށް ތައްޔާރު ވަމުންދަނިކޮށެވެ. ކުރިން އޯ އާރްއެޗް+ ގެ ގޮތުގައި ދެނެގަނެވިފައިވާ އޭނާގެ ލޭގެ ވައްތަރަކީ ލިބެންހުރި އެހެން އެއްވެސް ލޭގެ ވައްތަރަކާ އެއްގޮތްނުވާ ބާވަތެއްކަން ސާބިތުވިއެވެ.

މި ނާދިރު ހާލަތުން ސިއްޙީ މާހިރުންނަށް ގޮންޖެހުމެއް ކުރިމަތިވިއެވެ. އަދި އަވަސް ފިޔަވަޅެއްގެ ގޮތުން އެ އަންހެން މީހާ ރިފަރކުރެވުނީ ރޮޓަރީ ކޮޓަރީ ކްލަބް އޮފް ބެންގަލޫރުގެ ޓީޓީކޭ ބްލަޑް ބޭންކަށެވެ. މިއީ އިމިއުނޯހެމަޓޮލޮޖީގެ ދާއިރާގައި ކުރިއަރާފައިވާ ލޭގެ މަރުކަޒެކެވެ. އެތަނުން މި މައްސަލަ އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ރެފަރެންސް ލެބޯޓްރީ ފޯ ބްލަޑް ގްރޫޕިންގ އަށް ހުށަހެޅުމުން، މިހާތަނަށް އެއްވެސް މެޑިކަލް ޑޭޓާބޭސްއެއްގައި ރަޖިސްޓްރީ ނުކުރެވި އޮތް އައު އެންޓިޖަނެއް ދެނެގަނެވި، "ސީއާރްއައިބީ" ގެ ނަމުން އެ ލޭގެ ވައްތަރު ގިންތި ކުރެވުނެވެ.

މި ކުރިއެރުމާ ގުޅޭގޮތުން ރޮޓަރީ ސެންޓަރުގެ ޑރ. އަންކިތު މަތޫރު ވިދާޅުވީ،  ބަލިމީހާގެ އާއިލާގެ 20 މެންބަރުން ސްކްރީންކުރުމަށްފަހުވެސް އެމީހުންގެ ސާމްޕަލްތައް އޭނާގެ ލޭއާ ނުގުޅޭކަން ފާހަގަކުރެވުނު ކަމަށެވެ. މިއީ މި ހާލަތުގެ ނާދިރުކަން ކަށަވަރުކޮށްދޭ ހެއްކެކެވެ.

މި ހޯދުމަކީ ދުނިޔެއަށް މުހިންމު ކުރިއެރުމެއް ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ. މި އައު އެންޓިޖަނުން ލޭގެ ބާވަތްތަކާ ބެހޭގޮތުން މިހާރު އޮތް ވިސްނުން ބަދަލުކޮށް، އެކަންކަން ގިންތިކުރުމުގެ އުސޫލުތައް އަލުން މުރާޖަޢާކުރަން ޖެހިދާނެ ކަމަށް ލަފާކުރެވެއެވެ.

ލޭގެ ނާދިރުކަން ކުރިމަތިވިނަމަވެސް އެމީހާއަށް ލޭއަޅަން ނުޖެހޭ ގޮތަށް އޮޕަރޭޝަން ކުރިއަށް ގެންގޮސް ފަރުވާތެރިކަމާއެކު ނިންމާ ލެވުނެވެ.

ހިއްސާ ކުރައްވާ!