ފުވައްމުލަކު ހޮސްޕިޓަލުގައި މިމަހު ސީޓީ ސްކޭން ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި، މިމަހުގެ ތެރޭގައި ސީޓީ ސްކޭން ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. މިއީ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދިގު އިންތިޒާރަކަށް ފަހު ލިބޭނެ މުހިންމު ސިއްހީ ޚިދުމަތެކެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ހޮސްޕިޓަލުގެ އިމާރާތަށް ބަދަލު ގެނެސް ޖާގަ އިތުރުކުރުމުގެ މަސައްކަތް 2023 ވަނަ އަހަރު ވަނީ ހެލްތު މިނިސްޓްރީން އީކޮން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢަށް 2.9 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޚަރަދެއް ހިނގފައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި، މި މަހުގެ ނިޔަލަށް މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާ، ޚިދުމަތް ދޭން ފެށުމަށް މިހާރު މަސައްކަތްކުރަމުން ގެންދެއެވެ. މިވަގުތު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

މަޝްރޫޢު ނިމުމާ ގާތްވުމުން، މި ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީންކޮށް، އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. މި ޚިދުމަތް ފެށުމުން، ސީޓީ ސްކޭނަށް ފުވައްމުލައް ސިޓީގެ ރައްޔިތުން މާލެ ނުވަތަ އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި، ރަށުން އެ ޚިދުމަތް ލިބިގެން ދާނެއެވެ.

ހިއްސާ ކުރައްވާ!