އިންޑިއާގެ ދިފާޢީ ޤާބިލުކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ސްޕެއިން އިން ހަދާފައިވާ އެއާބަސް ސީ-295 ގެ 16 އަސްކަރީ މަތިންދާބޯޓުގެ ތެރެއިން އެންމެ ފަހުގެ ބޯޓު މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއަށް ލިބިއްޖެ ކަމަށް، ސްޕެއިންގައި ހުންނަ އިންޑިއާ އެމްބަސީން ހާމަކޮށްފިއެވެ. މިއީ އިންޑިއާގެ ދިފާޢީ ދާއިރާއަށް ލިބިގެންދިޔަ މުހިންމު ކާމިޔާބީއެއް ކަމަށް އެމްބަސީން ބުނެއެވެ.
މި ސީ-295 މަތިންދާބޯޓުތަކަކީ 5-10 ޓަނުގެ ކެޕޭސިޓީއާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ބޯޓުތަކެކެވެ. މިއީ، އިންޑިއާގެ ވައިގެ ސިފައިން މިހާރު ބޭނުންކުރަމުން އަންނަ އުމުރުން ދުވަސްވެފައިވާ 'އެވްރޯ' މަތިންދާބޯޓުތަކުގެ ބަދަލުގައި ބޭނުން ކުރުމަށް ގެނސްފައިވާ ބޯޓުތަކެވެ. މި ބޯޓުތަކަކީ ފަންނީ ގޮތުން ވަރަށް ގިނަ ކަންކަމަށް ފަސޭހައިން ބޭނުންކުރެވޭ، އަދި ބަދަލުކުރެވޭ ކެޕޭސިޓީ ބޮޑު ބޯޓުތަކެކެވެ. މި ބޯޓުތަކަށް، 11 ގަޑިއިރާ ހަމައަށް ވައިގެ ތެރޭގައި އުދުހެވޭނެ އެވެ.
ސްޕެއިންގެ ސެވިލްގައި ހުންނަ އެއާބަސް ޑިފެންސް އެންޑް ސްޕޭސް އެސެމްބްލީ ލައިންގައި، މި އެންމެ ފަހުގެ ބޯޓު ނިންމައި ހަވާލުކުރިއިރު އިންޑިއާއިން ސްޕެއިނަށް ކަނޑައަޅާފައި ހުންނަ ސަފީރު ދިނޭޝް ކޭ ޕަޓްނައިކް އަދި އިންޑިއާގެ ވައިގެ ސިފައިންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބޯޓު ހަވާލުކުރެވުނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ ދެ މަސް ކުރިން ކަމަށްވެސް އިންޑިއާ އެމްބަސީން ހާމަކޮށްފައިވެއެވެ.
އިންޑިއާ އިން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެއާބަސް ޑިފެންސް އެންޑް ސްޕޭސް، ސްޕެއިންއާ އެކު، ޖުމްލަ ސީ-295އެމްޑަބްލިޔު މަރުކާގެ 56 މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި މަޝްރޫޢުގެ ދަށުން، 16 ބޯޓު ސީދާ އެއާބަސް ސްޕެއިން އިން އިންޑިއާއަށް ހަވާލުކުރަން ހަމަޖެހިފައިވެއެވެ. އަދި ބާކީ 40 ބޯޓު އިންޑިއާގައި އުފައްދަން ހަމަޖެހިފައި ވެއެވެ. މިދިޔަ ހޮނިހިރު ދުވަހު ސްޕެއިން އިން ވަނީ އެފަރާތުން ހަވާލު ކުރަން ޖެހޭ 16 ބޯޓު ހަވާލުކށް ނިންމާފައެވެ.
މި ބޯޓުތައް އިންޑިއާގައި އުފެއްދުމަށްޓަކައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސުޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ގުޖުރާތުގެ ވަޑޯދްރާގައި ހުންނަ ޓާޓާ އެޑްވާންސްޑް ސިސްޓަމްސް ލިމިޓެޑް ކެމްޕަސްގައި ބޯޓު އުފައްދާ ފެކްޓަރީ ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ. އިންޑިއާގައި އުފައްދާ 40 ބޯޓު އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެތާގައެވެ.
މި ފެކްޓަރީ އަކީ އިންޑިއާގައި އަސްކަރީ މަތިންދާބޯޓުތަކަށް ހަދާ ފުރަތަމަ ޕްރައިވެޓް ސެކްޓަރގެ އެސެމްބްލީ ލައިނެވެ. މި މަޝްރޫޢުގެ ދަށުން ބޯޓު އުފެއްދުމުން ފެށިގެން އެސެމްބްލް ކުރުމާއި، ތަފާސްހިސާބު ބެލެހެއްޓުމާއި، ބޯޓުގެ ޚިދުމަތުގެ މުއްދަތު ނިމެންދެން ބެލެހެއްޓުމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މި ޕްރޮގްރާމަށް ޓާޓާގެ އިތުރުން، ބާރަތު އިލެކްޓްރޯނިކްސް ލިމިޓެޑްއާއި ބާރަތު ޑައިނަމިކްސް ލިމިޓެޑް ފަދަ ސަރުކާރުގެ ބޮޑެތި ދިފާޢީ ކުންފުނިތަކާއި، އަމިއްލަ މައިކްރޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުންވެސް އެހީތެރިވާނެއެވެ.





