ސެލެޑާއި ފްރެންޗް ފްރައިސްއާ މެދު އަހަރަމެން ވިސްނާ ގޮތް އަބަދަށްޓަކައި ބަދަލުވެދާނެ ފަދަ ސައިންޓިފިކް ހޯދުމެއްގައި ޗައިނާގެ ސައިންޓިސްޓުންނާއި ބައިނަލްއަގްވާމީ ސައިންޓިސްޓުންގެ ޓީމަކުން ހޯދައިފިއެވެ. އެޓީމުގެ ހޯދުމުން ދައްކަނީ، ޓޮމާޓޯއަކީ އަލުއިން އުފެދިފައިވާ އަލުއީގެ ބާވަތެއް ކަމަށެވެ.
މި ދިރާސާއަކީ މިހާތަނަށް ބަހުސްކޮށްފައިވާ ބޮޑު މައްސަލައެއްގެ ހައްލެއް ކަމަށް ސައިންސްވެރިން ބުނެއެވެ.
ސައިންސްވެރިން ބުނަނީ، ޓޮމާޓޯއާއި އަލުއީގެ ޖީނޯމްތަކާއި ޑޭޓާ ދިރާސާ ކުރުމުން ގާތްގަނޑަކަށް މީގެ 9 މިލިއަން އަހަރު ކުރިން އުފެދިފައިވާ އަލުއި ގަސްތައް އުފެދިގެން އައިގޮތް ދަނެގަތުމަށް އެހީތެރިވެދީފައިވާ ކަމަށެވެ.
މި ކަމާ ބެހޭ ދިރާސާ ޝާއިއުކޮށްފައިވާ ވަނީ ޗައިނާ ސައިންސް ޑެއިލީ ނޫހުގައެވެ. އެނޫހުގައި އިތުރަށް ބުނެފައި ވަނީ އަލުއިން އެހެން 107 ބާވަތްތަކެއްވެސް އާލާވެފައިޥާ ކަމަށެވެ.
އދ.ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަނުން ބުނާ ގޮތުގައި ދުނިޔޭގައި ހަނޑުލާއި ގޮދަނަށްފަހު ތިން ވަނައަށް އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތަކީ އަލުއި އެވެ. އަދި އެއީ ބިލިއަން މީހުންގެ މައިގަނޑު ކާނާކަމަށް ވެއެވެ.
މި ދިރާސާގެ ލީޑް ސައިންޓިސްޓް އަދި ޗައިނީސް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ޝެންޒެން އެގްރިކަލްޗަރަލް ޖީނޮމިކްސް އިންސްޓިޓިއުޓްގެ ސައިންޓިސްޓް ޒާންގް ޒިޔަންގް ވިދާޅުވީ އަލުއިގެ އަސްލާ ބެހޭ ސުވާލަކީ ދުވަހަކުވެސް މިހާތަނަށް އަދި ހައްލުވެފައިވާ މައްސަލައެއް ނޫން ކަމަށެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ހަމަ އެ ޖީނޮމިކްސް އިންސްޓިޓިއުޓްގެ ރިސާޗަރެއް ކަމަށްވާ ހޫއަން ސަންވެން އާއި ކެނެޑާ، ޖަރުމަނު، އެމެރިކާ، އަދި އިނގިރޭސިވިލާތުގެ ސައިންސްވެރިންގެ ޓީމަކާ ގުޅިގެންނެވެ.
މިދިރާސާ ފެށެން މެދުވެރިވީ ކުއްލިގޮތަކަށް 2022 ވަނަ އަހަރު ޒާންގްއަށް އަލުއި އާ ބެހޭ ގޮތުން ހޯދުނު މައުލޫމާތަކުންނެވެ. އެ ޓީމުން ބުނެފައި ވަނީ އަލުއިގެ އަސްލު ހޯދުމަށް، "ޑީއެންއޭ ޕެޓަރނިޓީ ޓެސްޓް" ކުރިއަށް ގެންދިޔައިރު، ޓޮމާޓޯ ގަސްތަކުން އަލުއީގެ ޖީނޯމްގެ ގާތްގަނޑަކަށް %40 ހިއްސާކުރާ ކަމަށް ހޯދިފައިވާ ކަމަށެވެ.






