އިންޑިއާގެ ކަނޑުގެ ސިފައިންގެ ހަނގުރާމަ މަނަވަރުތަކުން ފުރަތަމަ ފަހަރަށް ފިލިޕީންސްގެ ކަނޑުގެ ސަރަހައްދުތަކުގައި ޕެޓްރޯލް ކުރަން ފަށާފައިވާ ކަމަށް ފިލިޕީންސްގެ ސިފައިން ހޯމަ ދުވަހު ބުނެފި އެވެ.
ދެ ދުވަހުގެ މުއްދަތަށް އިންޑިއާގެ ތިން މަނަވަރެއް މި ދަތުރު ފެށީ ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސްއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ މަޝްވަރާ ކުރެއްވުމަށް ނިއުދިއްލީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރުގެ އެއް ދުވަސް ކުރިންނެވެ.
މައްސަލަ ބޮޑު މި ސަރަހައްދުގައި ހިނގާފައިވާ ސިލްސިލާ ހަމަނުޖެހުންތަކަކަށް ފަހު ފާއިތުވި އަހަރު ތެރޭގައި ފިލިޕީންސް އިން ވަނީ އެކުވެރި ގައުމުތަކާ އެކު ދިފާއީ އެއްބާރުލުން އިތުރުކުރަން ފަށާފަ އެވެ.
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ދައުވާ ކުރާ ބައެއް ސަރަހައްދަކީ ފިލިޕީންސްގެ ސިޔާދަތުގައި ހިމެނޭ ތަންތަން ކަމަށް ދުނިޔޭގެ ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އިންޑިއާގެ މަނަވަރުތައް އަސްކަރީ ތަމްރީނަށް މެނިލާއަށް އައިސްފައިވަނީ މިދިޔަ ހަފްތާގެ ފަހުކޮޅުގައެވެ.
އަސްކަރީ ތަމްރީނުތައް އާދިއްތަ ދުވަހުގެ މެންދުރު ފެށިގެން، ދެން ކުރިއަށް ގެންދާ ކަމަށް ފިލިޕީންސްގެ ލެފްޓިނެންޓް ކާނަލް ޖޯން ޕޯލް ސަލްގާޑޯ ވިދާޅުވެ އެވެ.
އިންޑިއާގައި ހުންނަވައިގެން މާކޯސް ގާނޫނާއި ސަގާފަތާއި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން އެއްބަސްވުންތަކުގައިސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފިލިޕީންސްގެ ފޮރިން އެފެއާޒްގެ އެސިސްޓެންޓް ސެކްރެޓަރީ އިވާންޖެލީން އޮންގް ޖިމެނޭޒް-ޑޫކްރޮކް ވިދާޅުވެއެވެ. ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް އޮންނާނީ ދިފާއީ ދާއިރާގެ އެއްބަސްވުންތަކަށެވެ.
ފިލިޕީންސް އިން މީގެ ކުރިން ވަނީ ގަޑިއަކު 3،450 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހޭ އިންޑިއާއިން އުފައްދާފައިވާ ބްރަހްމޯސް ސުޕަސޮނިކް ކްރޫޒް މިސައިލް ގަނެފަ އެވެ.




