ހުވާވޭގެ އައިސީޓީ ތަމްރީނު ޕްރޮގްރާމަށް ރާއްޖެއިން 4 ދަރިވަރުން ހޮވައިފި

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ)ގެ ދާއިރާއިން ތަމްރީނު ދިނުމަށް ޗައިނާގެ ހުވާވޭ ކުންފުނިން ކުރިއަށްގެންދާ "ސީޑްސް ފޮރ ދަ ފިއުޗަރ 2025″ ޕްރޮގްރާމަށް ދިވެހިރާއްޖެއިން 4 ދަރިވަރުން ހޮވިފައެވެ.

މި ޕްރޮގްރާމްގެ ރަސްމިއްޔާތު ފެށުމުގެ ޙަފްލާ ޝަރަފް ވެރިކޮށދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒްޝިޔަންހުވާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމަށް ހޮވުނު ދަރިވަރުންގެ ތެރޭގައި ވިލާ ކޮލެޖުން ޒަޔާން ޢަބްދުﷲ ނާޒިލް އާއި ޔޫސުފް އަޔާން މުޝްތާޤް، އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިޔާން އަޒީޒް އާއި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން އަފާ އިސްމާޢީލް ހިމެނެއެވެ. "ސީޑްސް ފޮރ ދަ ފިއުޗަރ 2025″ އަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ދަރިވަރުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ދިނުމަށް ހުވާވޭއިން ހިންގާ ސީއެސްއާރް ޕްރޮގްރާމެކެވެ.

ހިއްސާ ކުރައްވާ!