އިންޑިއާ ވަނީ ފިލިޕީންސްގެ ފަސްވަނަ ސްޓްރެޓެޖިކް ޕާޓްނަރު ކަމަށް ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއާ ވިދާޅުވެއްޖެ އެވެ. އޭނާ މިކަން އިއުލާނު ކުރެއްވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވި ނޫސްވެރިންގެބައްދަލު ވުމެއްގައެވެ.
"މިއަދު އިންޑިއާ ވެގެންދަނީ ފިލިޕީންސްގެ ފަސްވަނަ ސްޓްރެޓެޖިކް ޕާޓްނަރަކަށް. މި އާގުޅުމުން ސާބިތުވަނީ އަޅުގަނޑުމެންގެ 75 އަހަރުގެ ގުޅުމުގައި ދެގައުމުގެ ގުޅުން ސާބިތުކޮށް ހަލުވިކަމާއެކު ކުރިއަރައި، ފުޅާވެ، ފުންވެ، އަޅުގަނޑުމެންގެ ހަގީގީ އިގްތިސާދުތަކުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމުން ފުރުސަތުތައް ހޯދާކަމަށް،" މާކޯސް ވިދާޅުވިއެވެ.
ދެ ލީޑަރުންގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގައި ޑިފެންސް އަދި ސެކިއުރިޓީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވުނެވެ. މީގެ ތެރޭގައި ބްރަހަމޯސް މަޝްރޫއުގެ އިތުރުން ދެ ގައުމުގެ ސިފައިންގެ މެދުގައި ތަމްރީނުތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.
އަދި ފިލިޕީންސާއި އިންޑިއާގެ އިގްތިސާދީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށްވެސް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، މާކޯސް ވަނީ 2047 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ބޮޑުވަޒީރު މޯދީ ކުރައްވާ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ސްޓްރެޓެޖިކް ޕާޓްނަޝިޕް ރަސްމީކޮށް ފެށުމާއެކު، ދެ ގައުމުގެ ގުޅުން އައު މަރުހަލާއަކަށް ވަދެފައިވާކަން ފިލިޕީންސްގެ ރައީސް ފާހަގަކުރެއްވިއެވެ.




