މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު 5.6 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިޕޯޓުން ދައްކައިފިއެވެ.
އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް 8،807 ބައިނަލްއަޤްވާމީ ފްލައިޓް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 8،337 ފްލައިޓާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.
ޝެޑިއުލްކޮށްގެން ރާއްޖެއަށް އަންނަ ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދުވެސް ވަނީ 6.2 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 8،088 ޝެޑިއުލް ފްލައިޓް އައިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 7،611 ފްލައިޓެވެ.
ޗާޓަރ ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތަކުގެ ޖެނެރަލް ފްލައިޓް މޫވްމަންޓްސްގެ އަދަދު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 719 ޖެނެރަލް ފްލައިޓް އައިއިރު، މިދިޔަ އަހަރު މި މުއްދަތުގައި 726 ފްލައިޓް އައިސްފައިވެއެވެ.
ފިނި މޫސުމާ ދިމާކޮށް މެލޭޝިއާ އެއަރލައިން، ގަތަރު އެއާވޭސް، ކޮންޑޯ އަދި ވާޖިން އެޓްލާންޓިކް އިން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައެވެ. އަދި މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެކެވެ.





