ޖޯޑަންގެ ގްރޭޑް 1 ން ފެށިގެން ބާރަވަނަ ކިލާހާ ހަމައަށް ހުރިހާ ގްރޭޑެއްގައި ކިޔަވައިދޭން "އައު ޑިޖިޓަލް ސްކިލްސް ކަރިކިއުލަމް" ތައްޔާރުކޮށް އެއްކޮށް ނިމިފައިވާ ކަމަށް ޖޯޑަންގެ ޑިޖިޓަލް އިކޮނޮމީ އެންޑް އޮންޓްރަޕްރިނިއަރޝިޕް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިއީ އެގައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ނޭޝަނަލް ސެންޓަރ ފޯ ކަރިކިއުލަމް ޑިވެލޮޕްމަންޓާ ގުޅިގެން، ވޯލްޑް އިންވެސްޓްމަންޓް ކޮމްޕެނީ ފޯ ޑިވެލޮޕްމަންޓް އެންޑް ޓެކްނޮލޮޖީ އިސްވެ އޮވެގެން، ޖޯޑަންގެ ކުންފުނިތަކުގެ ކޮންސޯޓިއަމަކާ ގުޅިގެން ހިންގާ "ޔޫތު، ޓެކްނޮލޮޖީ، އެންޑް ޖޮބްސް" މަޝްރޫއުގެ ބައެކެވެ.
މި މަސައްކަތަކީ، ތައުލީމުގައި ޑިޖިޓަލް ޒަމާނަކަށް ގައުމު ފިރާލުން އަވަސްކޮށްދީ ކުރިމަގަށް އޮތް ލޭބަރ މާކެޓުގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ ގާބިލު ދަރިވަރުން ބިނާކުރުމަށް އެހީތެރިވެދޭ ކޮލިޓޭޓިވް ފިޔަވަޅެއް ކަމަށް އެމިނިސްޓްރީން ބުންޏެވެ.
އާ މަންހަޖު ފަރުމާކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ނޭޝަނަލް ސެންޓަރ ފޯ ކަރިކިއުލަމް ޑިވެލޮޕްމަންޓްގެ ސީދާ ބެލުމުގެ ދަށުންނެވެ. މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އަދި އެންމެ ރަނގަޅު އުސޫލުތައް ކަރިކިއުލަމްގައި ތައާރަފްކުރުމަށް ވިސްނައިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. މި މަސައްކަތުގައި ޖޯޑަންގެ ހުރިހައި ގްރޭޑެއްގެ މަންހަޖުތައް ފުރިހަމައަށް މުރާޖައާ ކޮށްފައި ވެއެވެ. އަދި ޑިޖިޓަލް ލޭބަރ މާކެޓުގައި ސަޕްލައި އާއި ޑިމާންޑްގެ ހުސްކަންކަން ފޫބެއްދުމުގެ މައްޗަށް 2022 ވަނަ އަހަރު މިނިސްޓްރީ އޮފް ޑިޖިޓަލް އިކޮނޮމީ އެންޑް އޮންޓްރަޕްރިނިއަރޝިޕް އިން ފެށި ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީފައި ވާނެއެވެ.
އާ މަންހަޖުތަކުގައި ދަރިވަރުންގެ މެދުގައި ޑިޖިޓަލް ހުނަރުތައް ބިނާކުރުމަށް ބިންގާ އަޅާ މައިގަނޑު 8 ތީމެއް ހިމަނާފައި ވެއެވެ.
މި މަންހަޖާއެކު ސްކޫލްތަކުގައި ލާނިން މެނޭޖްމަންޓް ސިސްޓަމްސް (އެލްއެމްއެސް) ބޭނުންކޮށް ތައުލީމީ މާހައުލު އެއްކޮށް ބަދަލު ކޮށްލާނެ ކަމަށްވެސް ބުނެފައި ވެއެވެ.







