ކޮންޓެއިނަރަކަށް ވުރެން ހަނި ގެއެއް އެއް މިލިއަން ޕައުންޑަށް ވިއްކާލަނީ

ލަންޑަންގެ ނޮޓިންގ ހިލް ސަރަހައްދުގައި ހުރި، ކޮންޓެއިނަރަކަށް ވުރެން ހަނި ގެއެއް 1.195 މިލިއަން ޕައުންޑަށް ވިއްކާލުމަށް ހުށަހަޅައިފިއެވެ. މި ގޭގެ ފުޅާމިނުގައި ހުންނަނީ އެންމެ 7 ފޫޓެވެ.

ކެންސިންގްޓަން ޕެލަސްއާ ކައިރީގައި ހުރި މި ގެއަކީ 1930 ގެ އަހަރުތަކުގައި އިމާރާތްކޮށް، 1950 ގެ އަހަރުތަކުގައި އާބާތުރަ ފިލުވާފައިވާ ގެއެކެވެ. ތިން ބުރީގެ މި ގޭގައި ދެ ކޮޓަރި ހިމެނެއެވެ.

ޔުނީކް ޕްރޮޕަޓީ ކޮމްޕެނީގެ ފަރާތުން މި ގެ ވިއްކުމަށް ހުޅުވާލާފައިވާއިރު، ގޭގެ ތަޅުމުގައި ޕާކެޓް ފްލޯރިންގ އަޅާފައިވާ އޯޕަން ޕްލޭން ބަދިގެއަކާއި ކާ މޭޒެއް ހިމެނެއެވެ. މީގެ އިތުރުން ފެންވަރާ ބަޔަކާއި ފާޚާނައެއްވެސް ހިމެނެއެވެ.

"މި ގެއަކީ ހަނި ގެއެއް ކަމުގައި ވިޔަސް ބޭނުން ފުދޭ ވަރުގެ ގެއެއް. ސީލިންގ އުސްކޮށް ހުރުމާއެކު ޓައުންހައުސްގެ ގޮތަށް ފަރުމާ ކޮށްފައި ވާތީ ވަރަށް ބޭނުން ހިފޭނެ ގެއެއް،" ޔުނީކް ޕްރޮޕަޓީ ކޮމްޕެނީގެ ސައިމަން ސްޓޯން މި ގެ އިޝްތިހާރުކުރަމުން ބުންޏެވެ.

ގޭގެ ފުރަތަމަ ފަންގިފިލާގައި ސިޓިންގރޫމަކާއި ޕްރައިވެޓް ޑެކް ޓެރަހެއް ހިމެނެއެވެ. އަދި މަތީ ފަންގިފިލާގައި ފާޚާނާއާއެކު ދެ ކޮޓަރި ހުރެއެވެ. މި އަގުގައި ކެންސިންގްޓަންގައި ވިއްކާ ގިނަ ގެތަކަކީ ލީސްހޯލްޑް ޕްރޮޕަޓީތަކެއް ކަމުގައިވާއިރު، މިއީ ފްރީހޯލްޑް ޕްރޮޕަޓީއެކެވެ.

ހިއްސާ ކުރައްވާ!