ޔޫކޭ އިންޑިއާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން އިގްތިސާދަށް ބޮޑު ކުރިއެރުމެއް

އިނގިރެސިވިލާތާއި އާއި އިންޑިއާ އާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ވިލާތު އިއްތިހާދުން އިނގިރޭސިން ބޭރުވިފަހުން ލިބުނު ހީނަރުކަމަށްފަހު އެގައުމުން ވެފައިވާ އެންމެ މުހިންމު އިގްތިސާދީ އެއްބަސްވުން ކަމުގައި ޔޫކޭގެ ބޮޑުވަޒީރު ކީއެރ ސްޓާމަރ ވިދާޅުވެއްޖެއެވެ.

އިންޑިއާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އަހަރަކު 4.8 ބިލިއަން ޕައުންޑް އިނގިރޭސިވިލާތުގެ އިގްތިސާދަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މުސާރައިގެ ގޮތުގައި 2.2 ބިލިއަން ޕައުންޑްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ޔޫކޭގެ އެކި ސަރަހައްދުތަކަށް ސަތޭކަ މިލިއަން ޕައުންޑްގެ މަންފާތަކެއް ލިބިގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޔޫކޭގެ 90 ޕަސެންޓް އުފެއްދުންތަކަށް ޓެރިފް ކުޑަކުރާނެ އެވެ. އަދި ޔޫކޭއިން އިންޑިއާގެ 99 ޕަސެންޓް އެކްސްޕޯޓް މުދަލަށް ޑިއުޓީ ކުޑަކުރާނެއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ޓެރިފްތަކާއި ގަވާއިދުގެ ދަށުން އަޅާ ހުރަސްތައް ކުޑަކޮށް، ވިޔަފާރިތަކަށް ހެޔޮ އަގެއްގައި، އަވަހަށް އަދި ފަސޭހައިން މުއާމަލާތު ކުރެވޭނެ މަގު ތަނަވަސްކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ޔޫކޭގެ އުފެއްދުންތަކާއި، ސްކޮޓްލެންޑްގެ ވިސްކީ އާއި އަދި ލަންޑަނާއި މެންޗެސްޓަރ އަދި ލީޑްސް ފަދަ ސިޓީތަކުގެ ޚިދުމަތްތަކުގެ ދާއިރާތަކަށް އެހީތެރިކަން ލިބިގެން ދާނެއެވެ. އަދި ޔޫކޭގެ ރައްޔިތުންނަށް އިންޑިއާގެ ފޭރާން އަދި ފައިވާނާއި އަދި ކާބޯތަކެތި ލިބުމުގެ އަގު ވެސް ހެޔޮވެގެންދާނެއެވެ.

އިންޑިއާ-ޔޫކޭ ވިޝަން 2035 ސްޓްރެޓެޖީގެ ދަށުން ދިފާއީ ދާއިރާއާއި ހިޖުރަކުރުމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތަޢުލީމީ އަދި ސިއްހީ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމަށް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް 6 ބިލިއަން ޕައުންޑްގެ އިންވެސްޓްމަންޓާއި އެކްސްޕޯޓް އިޢުލާންކުރެވިފައި ވެއެވެ. އަދި މިއިން، ޔޫކޭގައި 2,200 ވަޒީފާ އުފެދޭނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!