ޕޫޓިން އަދި ޓްރަމްޕް ބައްދަލު ކުރައްވާނީ ޔޫއޭއީގައި

ރަޝިޔާގެ ރައީސް ވްލަދިމިރް ޕޫޓިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ "ކުރިއަށް އޮތް ދުވަސްތަކުގައި" ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ކްރެމްލިން އިން އިއުލާނުކޮށްފިއެވެ. މި ބައްދަލުވުން ބޭއްވުމަށް އެކަށޭނަ ތަނެއްގެ ގޮތުގައި އެމިރޭޓްސް ހުށަހަޅުއްވާފައިވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ. މިއީ 2021 ވަނަ އަހަރުގެ ޖޫން މަހު ޖެނީވާގައި ކުރީގެ ރައީސް ޖޯ ބައިޑަން އާއި ޕޫޓިން ބައްދަލުކުރެއްވި ފަހުން، އެމެރިކާގެ ލީޑަރަކާއި ރަޝިޔާގެ ލީޑަރަކު ބައްދަލުކުރައްވާ ފުރަތަމަ ފަހަރު ކަމަށްވާނެއެވެ.

އަބޫދާބީގެ ވަލީއަހުދު ޝައިޚް މުހައްމަދު ބިން ޒާއިދު އާލް ނަހްޔާން އާއެކު މޮސްކޯގައި ބައްދަލު ކުރައްވައި ޕޫޓިން ވިދާޅުވި ގޮތުގައި "މިފަދަ މަހާސިންތާއެއް އިންތިޒާމްކުރުމަށް އެހީތެރިވެދޭން ތިބި ގިނަ އެކުވެރިން އެބަތިބި. އޭގެ ތެރެއިން އެއްބޭފުޅަކީ އެމިރޭޓްސްގެ ރައީސް. އެމިރޭޓްސް އަކީ މިކަމަށް ވަރަށް އެކަށޭނަ ތަނެއް".

ޕޫޓިން އާއެކު "އަވަސް" ބައްދަލުވުމެއް ބޭއްވިދާނެ ކަމަށް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވިއެވެ. އެންމެ ފަހުން މި ދެ ލީޑަރުން ބައްދަލުކުރެއްވީ 2019 ވަނަ އަހަރު ޖަޕާނުގައި ބޭއްވުނު ޖީ20 ސަމިޓްގައެވެ. ނަމަވެސް ޓްރަމްޕް ދެވަނަ ދައުރަށް ވައިޓް ހައުސްއަށް ވަޑައިގެންނެވި ފަހުން ގިނަ ފަހަރު ފޯނުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރަޝިޔާގެ ރައީސްގެ އެހީތެރިޔާ ޔޫރީ އުޝަކޮވް ވިދާޅުވި ގޮތުގައި "އެމެރިކާގެ ފަރާތުން ހުށަހެޅުއްވި ގޮތަށް، ކުރިއަށް އޮތް ދުވަސްތަކުގައި ދެފަރާތުގެ ސަމިޓެއް ބޭއްވުމަށް އުސޫލީ ގޮތުން އެއްބަސްވެވިފައިވޭ. މިހާރު އަޅުގަނޑުމެން އެމެރިކާގެ އެކުވެރިންނާއެކު ތަފްސީލުތަކުގެ މައްޗަށް މަސައްކަތްކުރަމުން މި ދަނީ". އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!