ނާބުލުސްގައި ބޯއިންގ 707 މަތިންދާބޯޓެއް ރެސްޓޯރަންޓަކަށް ބަދަލުކުރަނީ

ފަލަސްތީނުގެ ނާބުލުސް ސިޓީ ކައިރީގައި ހުރި ވާދިލް ބާދާން ސަރަހައްދުގައި ބޯއިންގ 707 މަތިންދާބޯޓެއް ރެސްޓޯރަންޓަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ 60 އަހަރުގެ އެއްމާބަނޑު ދެ ބެއިން ކަމަށްވާ އަތާ އަދި ހަމީސް އަލްސައިރަފީގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ނަމަކީ "ފަލަސްތީން-ޖޯޑަން އެއަރކްރާފްޓް ރެސްޓޯރަންޓް އެންޑް ކޮފީ ޝޮޕް : އަލް-ސައިރަފީ ނާބުލުސް" އެވެ. މި މަޝްރޫއު ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް މި ވެރިން އުންމީދު ކުރެއެވެ. ފުރަތަމަ މަރުހަލާގައި މި ތަން ހުޅުވޭނީ ޝީޝާ ކެފޭއެއްގެ ގޮތުގައެވެ. އަދި ކައިވެނީގެ ޙަފްލާތައް ބޭއްވޭނެ ތަނެއްގެ ގޮތުގައެވެ. އޭގެ ފަހުން ރެސްޓޯރަންޓަކަށް ބަދަލު ކުރެވޭނެއެވެ.

މި މަތިންދާބޯޓު ގަތީ 1999 ވަނަ އަހަރު އިޒްރޭލު މީހެއްގެ އަތުންނެވެ. އޭރު އޭގެ އަގަކީ 100،000 އެމެރިކާ ޑޮލަރެވެ. މަތިންދާބޯޓު ނަގުލުކުރުމަށް އިތުރު 20،000 ޑޮލަރު ހޭދަވިއެވެ. މިއީ 1980ގައި އުފައްދާފައިވާ ބޯޓެކެވެ. މިހާރު މި މަތިންދާބޯޓު ބަހައްޓާފައި ވަނީ ދެ ފަރުބަދައެއްގެ ދެމެދުގައެވެ.

މި މަޝްރޫއު ފުރަތަމަ ފަށަން ރޭވީ މީގެ 20 އަހަރު ކުރިންނެވެ. ނަމަވެސް އިންތިފާޟާގެ ސަބަބުން މަޝްރޫއު ލަސްވެފައިވެއެވެ. އަދި ދެ އަހަރު ކުރިން އަލުން ފެށުމަށް މަސައްކަތް ކުރި ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަނެއްކާވެސް ލަސްވެފައިވެއެވެ.

މިހާރު މަތިންދާބޯޓުގެ އެތެރެއިން ހުރިހާ ގޮނޑިތަކެއް ނަގާ، ތަޅުން  ޒީނަތްތެރި ކޮށްފައިވެއެވެ. ޕައިލެޓުންގެ ކޮކްޕިޓް ވެސް އަލުން ފަރުމާކޮށް، ހުދު ކުލައިގެ ޕެނަލްތަކުން އެތެރެ ޒީނަތްތެރި ކުރެވިފައިވެއެވެ. މަތިންދާބޯޓުގެ ބޭރުގައި ފަލަސްތީނާއި ޖޯޑަންގެ ދިދަ ކުރަހާފައިވެއެވެ.

ހިއްސާ ކުރައްވާ!