ވައިޓްހައުސްގައި އަރްމީނިއާއާއި އަޒަރްބައިޖާނުން ސުލްހަިއގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ވައިޓް ހައުސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އަޒަރްބައިޖާނާއި އަރްމީނިއާ ދެމެދު އިބްތިދާއީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިވެގެން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަކުރުމެވެ. މީގެ ތެރޭގައި ހަކަތަ، ޓެކްނޮލޮޖީ، އިންފްރާސްޓްރަކްޗަރ، ބޯޑަރ ސެކިއުރިޓީ އަދި ވިޔަފާރީގެ ދާއިރާތަކުން އެއްބާރުލުން ހޯދުން ހިމެނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން "ޓްރަމްޕް ރޫޓް ފޮރ އިންޓަނޭޝަނަލް ޕީސް އެންޑް ޕްރޮސްޕެރިޓީ" (ޓްރިޕް) ގެ ނަމުގައި އައު ދަތުރުފަތުރުގެ ކޮރިޑޯއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް މި އެއްބަސްވުމުގައި ނަގޯނޯ-ކަރަބަޚްގެ މައްސަލައާ ގުޅޭ ގޮތުން ސާފު ކޮށް ފާހަގަކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. މި ސަރަހައްދަކީ 1980 ގެ އަހަރުތަކުން ފެށިގެން ދެ ގައުމުގެ މެދުގައި މައްސަލަ އުފެދިފައިވާ ސަރަހައްދެކެވެ. 2023 ވަނަ އަހަރު އަޒަރްބައިޖާނުން މި ސަރަހައްދު އަނބުރާ ހޯދުމާ ގުޅިގެން ގިނަ އަދަދެއްގެ އާރްމީނިއަން ނަސްލުގެ މީހުން ވަނީ ސަރަހައްދުން ބޭރުކުރެވިފައެވެ.

މި އެއްބަސްވުމުގެ ދަށުން ގާއިމުކުރެވޭ ޓްރިޕް ކޮރިޑޯ ހިންގުމަށް މިހާރުވެސް 9 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. މީގެ ތެރޭގައި 3 އެމެރިކާ ކުންފުންޏެއް ހިމެނެއެވެ. އެމެރިކާގެ އިސް އޮފިޝަލުން މި މަޝްރޫޢު ސިފަކުރަނީ ހުޅަނގުގެ ނުފޫޒު ފެތުރުމަށް ކާމިޔާބެއްގެ ގޮތުގައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ޗައިނާ، ރަޝިޔާ އަދި އީރާނުގެ ނުފޫޒު މި ސަރަހައްދުގައި ކުޑަވެގެންދާނެ ކަމަށް އެމެރިކާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!