ނިއުޔޯކުގެ ޓައިމްސް ސްކުއެއަރގައި ބަޑިޖެހުމުގެ ހާދިސާގައި 3 މީހުން ޒަޚަމްވެއްޖެ

ނިއުޔޯކު ސިޓީގެ ޓައިމްސް ސްކުއެއަރގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި 3 މީހުން ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭ ގަޑިން މިރޭ ދަންވަރު 1:20 ހާއިރުއެވެ.

ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދެ މީހެއްގެ ދެމެދުގައި ހިނގި ޒުވާބަކާ ގުޅިގެންނެވެ. މި ހާދިސާގައި 19 އަހަރުގެ ޒުވާނަކާއި 65 އަހަރުގެ މީހެއްގެ ފަޔަށް ވަޒަން އަރާފައި ވެއެވެ. އަދި 18 އަހަރުގެ އަންހެން ކުއްޖެއްގެ ކަރުގައި ބަޑީގެ ވަޒަން ބީހިފައި އެއިން ކިރިޔާ ސަލާމަތް ވެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ނިއުޔޯކު ޕޮލިސް ޑިޕާޓްމަންޓުން މައުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޓައިމްސް ސްކުއެއަރ އަކީ ނިއުޔޯކު ސިޓީގެ އެންމެ މަޝްހޫރު އަދި ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ. މިފަދަ ހާދިސާތަކާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ އޮފިޝަލުން ބުނެފައިވެއެވެ. ޒަޚަމްވި ތިން މީހުންގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި، އެމީހުންނަށް ބޭނުންވާ ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލްގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

ހިއްސާ ކުރައްވާ!