ޔަހޫދީ ޒަޔަނިސްޓް ސިފައިން ފަލަސްޠީނުގެ "ޕެލޭ" ޝަހީދުކޮށްފި

ފަލަސްޠީނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ، "ފަލަސްޠީނުގެ ޕެލޭ" ގެ ނަމުން މަޝްހޫރު ސުލައިމާން އަލްޢުބައިދު، ޣައްޒާގެ ދެކުނު ސަރަހައްދުގައި އެމެރިކާގެ ކުލީ ސިފައިން ބަހަމުންދާ އިންސާނީ އެހީއަށް އިންތިޒާރު ކުރަމުން ދަނިކޮށް ޔަހުދީ ސިފައިން އޭނާގެ ގަޔަށ ްބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ގައުމީ ޓީމާއި ޚަދަމާތުއްޝާޠިއު ކްލަބަށް ކުޅެ، 100 އަށް ވުރެ ގިނަ ލަނޑު ޖަހާފައިވާ އަލްއުބައިދަކީ ޣައްޒާގެ އެންމެ ފާހަގަކޮށްލެވޭ އެޓޭކިންގ މިޑްފީލްޑަރުންގެ ތެރެއިން އެކެކެވެ. އޭނާގެ ހުނަރުވެރި ކުޅުމާއި ލަނޑުޖެހުމުގެ ގާބިލްކަމުގެ ސަބަބުން ބްރެޒިލްގެ އަސްޓޫރާ ޕެލޭގެ ނަމަށް ނިސްބަތްކޮށް "ފަލަސްޠީނުގެ ޕެލޭ" ގެ ނަމުން އޭނާ މަޝްހޫރުވެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 662 ކުޅިވަރުވެރިންނާއި އެފަރާތްތަކުގެ އާއިލާގެ މެންބަރުން ޝަހީދު ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅުންހުރި 321 ފަރާތެއް ހިމެނެއެވެ.

އިންސާނީ އެހީތެރިކަމުގެ ބޭނުމުގައި އިންތިޒާރުކުރަމުން ދާ މަދަނީ ރައްޔިތުންނަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!