5 އަހަރުގެ އަންހެން ކުއްޖަކު މަރާލުމުގެ މައްސަލައިގައި ބައްޕައަށް 56 އަހަރުގެ ޖަލު ހުކުމެއް

އެމެރިކާގެ ކޯޓަކުން ވަނީ ބަފައަކު އޭނާގެ 5 އަހަރުގެ އަންހެން ދަރިފުޅު، ހާމަނީ މަރާލައި، 3 މަސް ދުވަސް ވަންދެން އޭނާގެ ގަބުރު ތަފާތު ތަންތަނުގައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި އެޑަމް މޮންޓްގޮމެރީއަށް 56 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި މައްސަލަ ވަނީ އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި އާއިލީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ ދުވަސްވަރު މޮންޓްގޮމެރީ އާއި އޭނާގެ ކުރީގެ އަނބިމީހާ ކޭލާ އަދި ކޭލާގެ ކުރީގެ ކައިވެނިން ލިބިފައިވާ ދެ ދަރިން ދިރިއުޅެމުން ދިޔައީ ބޯހިޔާވަހިކަމެއް ނުލިބިގެން  ކާރެއްގެ ތެރޭގައެވެ. އެއީ އެމީހުން ދިރިއުޅެމުންދިޔަ ގެއިން ނެރެލުމާ ގުޅިގެންނެވެ.

ކޯޓުގައި ކޭލާ ދީފައިވާ ހެކިބަހުގައި ބުނެފައިވާ ގޮތުން، ލޮލަށް ފެނުމުގެ މައްސަލަ ދިމާވެފައި ހުރި އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމުގައިވާ ހާމަނީ، ޑޮކްޓަރަށް ދެއްކުމަށްފަހު ފާސްޓް ފުޑް ރެސްޓޯރެންޓަކަށް ދަތުރުކުރަމުންދަނިކޮށް ކާރުގެ ތެރޭގައި ކުޑަކަމު ދިޔުމުން، މޮންޓްގޮމެރީ ވަނީ އޭނާގެ މޫނާއި ބޮލުގައި ތަޅައި އަނިޔާކޮށްފައެވެ.

ކޭލާ ބުނާ ގޮތުން، ކުއްޖާ މަރުވެފައިވާކަން އެނގުނީ ކާރު ހުއްޓާލުމުންނެވެ. އޭގެ ފަހުން މޮންޓްގޮމެރީ ވަނީ ކުއްޖާގެ ހަށިގަނޑު ފޮށްޓެއްގައި ބަންދުކޮށް، 3 މަސް ދުވަހުގެ މުއްދަތަކަށް ކާރުގެ ޑިކީގައާއި، ފަގީރުން އުޅޭ ގެއެއްގެ ފުރާޅުމަތީގައާއި، ފްރީޒަރެއްގައި އަދި ރެފްރިޖަރޭޓަރެއްގައި ފޮރުވައިގެން ގެންގުޅެފައެވެ.

މޮންޓްގޮމެރީގެ އަނިޔާވެރިކަމުގެ ސަބަބުން ބިރުން، ކޭލާ ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓު ނުކޮށް ހަނު ހުރެފައެވެ. އަދި އޭނާއަށްވެސް ޖިސްމާނީ އަނިޔާ ކުރަން ފެށުމާ ގުޅިގެން، 2021 ވަނަ އަހަރުގެ މާރިޗު މަހު އޭނާ ސަލާމަތްވާން ފިލައިގެން ދިޔައީއެވެ. ހާމަނީ އުފަންވީ 2014 ވަނަ އަހަރުއެވެ. އޭނާގެ މަންމަ ކްރިސްޓަލްގެ ބެލުމުގެ ދަށުގައި ގެންގުޅުމަށް ފަހު އަދި ފަހުން ކުޑަކުދިން ބަލާ މަރުކަޒެއްގައި ގެންގުޅުމަށްފަހު، އޭނާގެ ބައްޕަގެ ބެލުމުގެ ދަށަށް ފަހުން ގެންދިޔައީއެވެ. ބައްޕައަކީ 2019 ވަނަ އަހަރުން ފެށިގެން ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. 

ކޯޓުގައި މޮންޓްގޮމެރީ ވަނީ ކުއްޖާގެ ހަށިގަނޑު ފޮރުވުމާއި ހެކި ފޮރުވުމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ. ނަމަވެސް މެރުމުގެ ދައުވާއަށް އިންކާރުކުރި ނަމަވެސް، ތަހުކީމު ކޮމެޓީ، ޖޫރީން ވަނީ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވެ ކުށްވެރިވާކަމަށް ކަނޑައަޅާފައެވެ.

ހިއްސާ ކުރައްވާ!