އިންޑިއާގެ ކަނޑުގެ ސިފައިންގެ މީހަކު ރާއްޖޭގައި ތަމްރީނު ކޯސް ފުރިހަމަކޮށްފި

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކަނޑުގެ ސަލާމަތީ ގުޅުން ބަދަހިކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިންޑިއާގެ ކަނޑުގެ ސިފައިންގެ މީހަކު އެމްއެންޑީއެފްގެ ޑައިވިންގ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

އިންޑިއާ ނޭވީގެ ލީޑިންގ ސީމަން (އެލްއެސް އާރްޕީ) ޕްރަދީޕް ކުމާރު، 13 ވަނަ ކޯސްޓް ގާޑް ބޭސިކް ޑައިވިންގ ކޯސް (ސީޖީބީޑީސީ) 7 އޯގަސްޓް 2025 ގައި ފުރިހަމަކޮށްފައި ވެއެވެ. ޅ. މާފިލާފުށީގައި ކުރިއަށްގެންދެވުނު މި ތިން މަސްދުވަހުގެ ޕްރޮގްރާމްގައި ސަރަހައްދުގެ ގައުމުތަކުން 16 ބައިވެރިން ބައިވެރިވެފައިވެއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މި ކާމިޔާބު ފާހަގަކުރަމުން ބުނެފައިވަނީ، "އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ޤާބިލްކަން އިތުރުކުރުމުގެ އެއްބާރުލުން ކުރިއަށް ގެންދިއުމުގެ ގޮތުން، އިންޑިއާ ނޭވީގެ ޕްރަދީޕް ކުމާރު، އެލްއެސް (އާރްޕީ) ވަނީ އެމްއެންޑީއެފްއިން 7 މެއި އިން 7 އޯގަސްޓް 25 އަށް ކުރިއަށްގެންދިޔަ ކޯސްޓް ގާޑް ބޭސިކް ޑައިވިންގ ކޯސް – 13 ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި" ކަމަށެވެ.

މި ކޯހުގެ ގްރެޖުއޭޝަން ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވަނީ ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ، ނޭޕާލް އަދި ސްރީލަންކާގެ ބައިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ.

މި ގްރެޖުއޭޝަނަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކޯސްޓް ގާޑުގެ ޤާބިލްކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގޭ އެކުވެރި ތަމްރީނު ޕްރޮގްރާމްތަކާއެކު، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ދިފާއީ އަދި ސަލާމަތީ ބައިވެރިކަން ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ.

ހިއްސާ ކުރައްވާ!