އިންޑިއާގެ ސެމިކޮންޑަކްޓަރ ޞިނާޢަތު: ފުރަތަމަ އިންޑިއަން ޗިޕް އެކްސްޕޯޓް ކުރަނީ

އިންޑިއާގެ ގުޖުރާތު، އާސާމް އަދި އުއްތަރު ޕްރަދޭޝްގައި 6 ސެމިކޮންޑަކްޓަރ ޕްލާންޓް އިމާރާތްކުރެވެމުންދާ ކަމަށާއި، ވަރަށް އަވަހަށް އިންޑިއާގައި އުފެއްދި ފުރަތަމަ ޗިޕް އެކްސްޕޯޓު ކުރެވޭނެ ކަމަށް އިންޑިއާގެ މުވާޞަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީ ވަޒީރު އަޝްވިނީ ވައިޝްނަވް ވިދާޅުވެއެވެ. ހިންދުސްތާން ކޮމްޕިއުޓަރ ލިމިޓެޑާއި ފޮކްސްކޮން ގުޅިގެން އުއްތަރު ޕްރަދޭޝްގެ ޖޭވަރުގައި ޤާއިމުކުރާ ޕްލާންޓުން މަހެއްގެ މައްޗަށް 20،000 ވޭފަރ އުފައްދާނެ ކަމަށާއި، މީގެ ސަބަބުން މަހަކު 36 މިލިއަން ޗިޕް އުފެއްދޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން 2،000 ވަޒީފާގެ ފުރުޞަތު އުފެދޭނެއެވެ.

އިންޑިއާގެ އާޓިފިޝަލް އިންޓެލިޖެންސް މިޝަންގެ ދަށުން 34،000 ޖީޕީޔޫ އިންޑިއާގެ އަމިއްލަ ސިނާއީ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ވަނީ ވިއްކަން ހުޅުވާލާފައިވެއެވެ. ގަޑިއިރަކަށް 1 ޑޮލަރަށްވުރެ ކުޑަ އަގެއްގައި ޖީޕީޔޫ ބޭނުންކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ދުނިޔޭގައި އެންމެ ހެޔޮ އަގުގައި މި ޚިދުމަތް ފޯރުކޮށްދޭ ޤައުމު ކަމަށް އިންޑިއާ ވާނެވެ.

ސެމިކޮން އިންޑިއާ ޕްރޮގްރާމްގެ ދަށުން 76 މިލިއަން ރުޕީސްގެ ބަޖެޓެއް ސެމިކޮންޑަކްޓަރ އަދި ޑިސްޕްލޭ އީކޯސިސްޓަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި މި ދާއިރާ ކުރިއެރުވުމަށްޓަކައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ޤަވާޢިދުތަކަށް އިޞްލާޙު ގެނަސްފައި ވެއެވެ.

އިންޑިއާއަކީ މިހާރު ދުނިޔޭގައި މޯބައިލް ފޯނު އުފެއްދުމުގައި ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި އިލެކްޓްރޯނިކްސް އުފެއްދުންތެރިކަން 6 ގުނައަށް އިތުރުވެ، 12 ލައްކަ ކްރޯޑް ރުޕީސްއަށް އަރާފައިވެއެވެ. އަދި އެކްސްޕޯޓް 8 ގުނައަށް އިތުރުވެ، 3 ލައްކަ ކްރޯޑް ރުޕީސްއަށް އަރާފައިވާއިރު، 2014 ގައި ހަމައެކަނި 2 މޯބައިލް ޔުނިޓް ހުއްޓައި މިހާރު 300 އަށްވުރެ ގިނަ ޔުނިޓް އައިސްފައިވާ ކަން ފާހަގަކުރެވެއެވެ. އިންޑިއާގައި ވިއްކޭ މޯބައިލް ފޯނުގެ 99.2 އިންސައްތައަކީ އިންޑިއާގައި އުފައްދާ ފޯނެވެ.

ހިއްސާ ކުރައްވާ!