މިނިވަން ދުވަހު މޮދީ ދެއްވި ތަގްރީރަކީ އިންޑިއާ ބޮޑު ވަޒީރަކު ދެއްވި އެންމެ ދިގު ތަގްރީރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިނިވަން ދުވަހު އިންޑިއާގެ ބޮޑު ވަޒީރަކު ދެއްވި އެންމެ ދިގު ތަގުރީރު ހުކުރު ދުވަހުގެ ހެނދުނު ދެއްވައި، ރަތް ކިއްލާއިން 103 މިނެޓް ވަންދެން ވާހަކަފުޅު ދައްކަވާފައެވެ. އޮގަސްޓް 15 ވަނަ ދުވަހު ޖެހިޖެހިގެން ބާރަ ވަނަ އަހަރު މޯދީ ދެއްވި މި ތަގުރީރަކީ އިންޑިއާގެ ސިޔާދަތާއި ސިޔާސީ މެސެޖުތަކުން ފުރިގެންވާ އަދި އިގްތިސާދީ ވައުދުތަކާއި ދުޝްމަނުންނަށް އަމާޒުކޮށްގެން ދެއްކެވި ހަރު ވާހަކަތަކެއް އެއްކޮށްލާފައިވާ ތަގުރީރެކެވެ. 2024 ވަނަ އަހަރު މޯދީ ދެއްވި 98 މިނެޓް ފަހަނައަޅައި ދިޔަ މި މިތަގްރީރަކީ ރެކޯޑެކެވެ. މިއީ އާންމު އިންތިޚާބުގެ ކުރިން ހައިސިއްޔަތު ދައްކާލުމެއް ކަމަށް މީހުން ދެކެއެވެ. އަދި މިއީ ސްޓްރެޓެޖިކް ވާހަކަތަކެއް ހިމެނިފައިވާ ތަގްރީރެއް ކަމަށްވެސް ގިނަ ބަޔަކު ދެކެމުން ދިޔައެވެ.

މޯދީގެ ތަގްރީރުގެ ރާގު ދައުރުވަމުން ދިޔައީ ވަރުގަދަ ގައުމިއްޔަތާއި އިގްތިސާދީ ޔަގީންކަމާ ދެމެދު އެވެ. އަދި މުހިންމު ކަންތައްތަކުގެ އިއުލާންތަކެއް އިވިގެން ދިޔައެވެ.

"އަޅުގަނޑު މިހުރީ ފާރެއް ފަދައިން. ދަނޑުވެރިންގެ ހއްގަށް އުނިކަމެއް ނާންނާނެ،" މޯދީ ދަނޑުވެރިންނަށް ދެއްވި މެސެޖެއް އިއުލާން ކުރެއްވިއެވެ. އަދި އެއްވެ ތިބި މީހުންގެ އަތްތިލަބަޑިން ތަން ގުގުމާލިއެވެ. ސޯޝަލް މީޑިއާގައި ވަގުތުން މީހުންގެ ރިއެކްޝަންތައް ފެންނަމުން ދިޔައެވެ. އެ ވާހަކައަކީ ޚާއްސަކޮށް ދަނޑުވެރިކަން އިސްލާހުކުރުމާ ގުޅޭ ގޮތުން ކުރިއަށްދާ ބަހުސްތަކާ ގުޅިގެން މޮދީގެ ސަރުކާރުން ރަށްފުށަށް އިސްކަންދޭ ކަންކަން އަލުން ކަށަވަރުކޮށްދޭ ބަޔާނެއްގެ ގޮތުގައި މާނަކުރެވިގެން ދިޔަ ބަޔާނެކެވެ.

މި ތަގުރީރުގެ މައިގަނޑު ފާހަގަ ކުރެވޭ އެއް ކަމަކީ ފުރަތަމަ ފަހަރަށް ވަޒީފާ އަދާކުރާ ފަރާތްތަކަށް 15،000 ރުފިޔާގެ އިނާޔަތްތައް ދޭ އާ ވަޒީފާގެ ސްކީމެއް ކަމަށްވާ ވިކްސިޓް ބާރަތު ރޮޒްގާ ޔޮޖްނާ ތައާރަފް ކުރުމެވެ. މޯދީ އެކަން ފްރޭމް ކުރެއްވީ ޒުވާނުން ބާރުވެރިކުރުމާ ދިމާލަށް އެޅި "ބަދަލުގެ ފިޔަވަޅެއްގެ" ގޮތުގަ އެވެ. "ވިކްސިޓް ބާރަތު ރޮޒްގާ ޔޮޖްނާގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާނުން ބާރުވެރިވާނެ- ފުރަތަމަ ފަހަރަށް ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް 15،000 ރުފިޔާ ދިނުމަކީ ހަމައެކަނި ފެށުމެއް،" އޭނާ ވިދާޅުވި އެވެ.

އަދި ދިވާލީގެ ނިޔަލަށް ކުދި ވިޔަފާރިތަކަށް ލުއި ދިނުމަށް ވައުދުވެ، މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި އިސްލާހުތަކެއް ގެންނެވުމަށް ވައުދުވެވަޑައިގެންނެވި އެވެ. "ޖީއެސްޓީ އިސްލާހުތައް އަންނާނެ. މި ދިވާލީގައި ކުދި ވިޔަފާރިތަކަށް ނޭވާލާން ފަސޭހަވާނެ،" އިންޑިއާގެ ވިޔަފާރިވެރިކަމުގެ ދާއިރާއިން ދިގު މުއްދަތަކަށް ޑިމާންޑް ކުރަމުން އަންނަ ކަމަށް އިޝާރާތް ކުރައްވައި މޯދީ ޔަގީންކަން ދެއްވި އެވެ.

މޯދީގެ ތަގުރީރުގައި އިންޑިއާގެ ދުޝްމަނުންނަށް ދެއްވި ހަރުކަށި އިންޒާރު ހިމެނުނީ މޮދީގެ ސްޓައިލްގަ އެވެ. "އިންޑިއާގެ ދުޝްމަނުންނަށް އެނގެން ޖެހޭނެ- އަޅުގަނޑުމެން މިތިބީ ތައްޔާރަށް، އަޅުގަނޑުމެން އަޒުމް ކަނޑައަޅައިގެން މިތިބީ، އަދި ކޮންމެ އަގެއް ދައްކަން  ޖެހުނަސް އަޅުގަނޑުމެންގެ އިސްތިގުލާލު ހިމާޔަތް ކުރާނަން." ނަމެއް  ވިދާޅު ނުވިނަމަވެސް ވާހަކަ ފުޅާދާއިރާއެއްގައި މާނަކުރީ އަވަށްޓެރި ބާރުތަކަށް ފޮރުވިފައިވާ މެސެޖެއްގެ  ގޮތުގައި އާއި މި ހަފްތާގެ ފަހުކޮޅު އެލަސްކާގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ނާޒުކު އިޝާރާތެއްގެ ގޮތުގަ އެވެ.

މޮދީގެ ތަގްރީރުގެ ދިގު ކަމަށްވެސް އިޝާރާތް ކުރެއްވިއެވެ. "1947ވަނަ އަހަރު 72 މިނެޓް ވަންދެން ނެހްރޫ ވާހަކަ ދެއްކެވި، މިއަދު އަޅުގަނޑުމެން ދިގުކޮށް ވާހަކަ ދައްކަނީ، އަޅުގަނޑުމެންގެ ހުވަފެންތައް ބޮޑުވީމަ،" އޭނާ ވިދާޅުވި އެވެ.

2026 ވަނަ އަހަރު އާންމު އިންތިޚާބު ބާއްވަން ކައިރިވެފައިވާއިރު، މި ތަގުރީރު ބެލެވެނީ  ސިޔާސަތުގެ މަގުޗާޓެއްގެ ގޮތުގައެވެ'

ހިއްސާ ކުރައްވާ!