އިންޑިއާގެ މޫސުމާބެހޭ ޑިޕާޓްމަންޓުން މަހާރާޝްޓްރާގެ ސަރަހައްދުތަކަށް ރެޑް އެލާޓް ނެރެފިއެވެ. މީގެ ތެރޭގައި ރައިގަޅް، ރަތުނާގިރި، ސަތާރާ، ކޯލާޕޫރު އަދި ޕޫނޭ ހިމެނެއެވެ. މުމްބާއީ ސިޓީ އޮރެންޖް އެލާޓްގައި ވަނިކޮށް، މަގުތަކުގައި ފެންހެދި، ޓްރެފިކް ބޮޑުވެ، އާންމު ޚިދުމަތްތަކަށް ބުރޫ އަރާފައިވެއެވެ.
ވޭތުވެދިޔަ ހަފްތާ ބަންދުގައި ވިއްސާރައިގެ ސަބަބުން ބިން ތިރި ސަރަހައްދުތަކުގައި ފެންބޮޑުވެ، މުމްބާއީގެ ބައެއް ސަރަހައްދުތަކުގައި 200 މިލިމީޓަރަށްވުރެ ބޯކޮށް ވާރޭވެހުނެވެ. ހޯމަ ދުވަހު އެސިޓީގައި 97.88 މިލިމީޓަރު، އަދި އިރުމަތީ ސަރަހައްދުތަކުގައި 86.21 މިލިމީޓަރު، އަދި ހުޅަނގު ސަރަހައްދުތަކުގައި 83.10 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި ކަރަންޓް ޖެހުމުގެ 6 ހާދިސާއަކާއި 19 ގަސް ނުވަތަ ގަހުގެ ގޮފި ވެއްޓުމުގެ ހާދިސާ އަދި 2 ފާރު ވެއްޓުމުގެ ހާދިސާ ހިނގާފައިވެއެވެ. ނަމަވެސް މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ސެންޓްރަލް އަދި ވެސްޓަން ރެއިލްވޭ ލައިންތަކުގައި ފެންބޮޑުވުމުގެ ސަބަބުން ރޭލު ސަރވިސްތައް ލަސްވެފައިވާއިރު، އެއާޕޯޓަށް ދާ މައިމަގުތަކުގައި ޓްރެފިކް ތޮއްޖެހިފައި ވެއެވެ. އަކާސާ އެއަރ އަދި އިންޑިގޯ ފަދަ އެއަރލައިންތަކުން ދަތުރުވެރިންނަށް އިތުރު ވަގުތު ދޭން ނިންމާފައި ވެއެވެ.
ހާލަތު ގޯސްވަމުން ދިއުމާ ގުޅިގެން، މުމްބާއިގެ ހުރިހާ ސްކޫލް އަދި ކޮލެޖްތަކަށް ޗުއްޓީ ދީފައިވެއެވެ. ގްރޭޓަރ މުމްބާއީ ގައި ފުލުހުން ވަނީ ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ނުކުރުމަށް އާންމުންނަށް އިރުޝާދު ދީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ގުޅޭނެ ނަންބަރުތައް ހިއްސާކޮށްފައެވެ.





